Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ރަޝްމުގެ މަރު؛ އައްޑޫގެ އެންމެ ޒަހަމްތައް ބޮޑު އެކްސިޑެންޓް

އައްޑޫ ލިންކް ރޯޑް 2001 ވަނަ އަހަރު ހެދި ފަހުން ކޮންމެ އަހަރަކު އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ އިރު ރޭ އިރާކޮޅު ހިނގި އެކްސިޑެންޓަކީ މިހާތަނަށް އައްޑޫގައި އެކްސިޑެންޓްވި މީހަކަށް އެންމެ ބޮޑު ގެއްލުން ލިބުނު އެކްސިޑެންޓެވެ.

ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވީ ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމް ރިޔާޒް، 28، އެވެ. ރިޔާޒުގެ ހަށިގަޑު އޮތީ "ޗިސްޗިސްވެފަ" އެވެ.

އެކްސިޑެންޓްގެ މައުލޫމާތު "އައްޑޫލައިވް" އަށް ލިބުމާ އެކު އެ ހާދިސާގެ ތަފްސީލް ކިއުންތެރިންނަށް ގެނެސް ދިނުމަށްޓަކައި ނޫސްވެރިއަކު ހިތަދޫ ހޮސްޕިޓަލަށް ދިޔަ އިރު ހޮސްޕިޓަލަށް އެނގެނީ އެކްސިޑެންޓެއް ވެގެން އުޅޭކަމެވެ.

އެ ކަމަކީ ހޮސްޕިޓަލަށް އާ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެތައް އެކްސިޑެންޓެއް އައްޑޫގައި ހިނގަ އެވެ. ނަމަވެސް ރޭގެ އެކްސިޑެންޓްގެ މައުލޫމާތު "އައްޑޫލައިވް" އަށް ލިބުނީ ވެސް އެކްސިޑެންޓްވި މީހާ "ދެބުރިވެފައިވާ" ކަމަށެވެ. އެކްސިޑެންޓްވި ސައިކަލާއި ކާރުގެ ފޮޓޯތަކުން އެކްސިޑެންޓްގެ ސީރިއަސް ވަރު އެނގެ އެވެ. އެހެންވެ އެއީ ކާކުތޯ އޮޅުން ފިލުވުމަށް އެންމެންވެސް ތިބީ ބޭނުންވެފަ އެވެ.

ހޮސްޕިޓަލަށް ރަޝްމުގެ ހަށިގަނޑު އެމްބިއުލެންސްގައި ގެނެވުނީ އަޅުގަނޑުމެންގެ ނޫސްވެރިޔާ ހޮސްޕިޓަލްގައި ހުންނަތާ 15 ވަރަކަށް މިނިޓްވީ ފަހުންނެވެ. ހަށިގަނޑަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން އެއީ ކާކުކަން ދެނެގަނެވޭ ގޮތް ނުވިއެވެ.

ހޮސްޕިޓަލާއި ފުލުހުން ވެސް ދިޔައީ ކާކުތޯ ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. އެ މީހާގެ މައުލޫމާތު ހޯދުމަށް އެންމެން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

ރަޝްމުގެ ނަމާއި މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކަށް އެނގޭ ވަރުވީ ރޭ 7:40 ހާއިރުވީ ފަހުންނެވެ.

ރަޝްމުގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުމަކީ އައްޑޫގެ ތާރީހުގައި މިހާތަނަށް މީހަކަށް އެކްސިޑެންޓެއްގައި ލިބުނު އެންމެ ބޮޑު ގެއްލުމެވެ. އޭނާގެ މުޅި ހަށިގަނޑުގެ ކަށިތައް ބިނދި އެތެރެހަށި ވަނީ ފުނޑުފުނޑުވެފަ އެވެ.

މިހާދިސާ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެ އެވެ. ފުލުހުން ރެއިން ފެށިގެން އެކްސިޑެންޓް ހިނގި ސަރަހައްދު އޮތީ ކޯޑޮންކޮށްފަ އެވެ.

ތަހުގީގު ރަސްމީކޮށް ފެށީ މިއަދު ހެނދުނު އެވެ. އެތަނުން ފުލުހުން ނަގަން ޖެހޭ މައުލޫމާތު ނެގުމަށް ފަހު ކާރާއި ސައިކަލް ވަނީ ހިތަދޫ ޕޮލިހަށް ގެންގޮސްފަ އެވެ.

މި ހާދިސާގައި ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑު ގެއްލުންތަކެއްވެފަ އެވެ. ރަޝްމް ދުއްވި ސައިކަލް ވެސް އޮތީ ފުނޑުފުނޑުވެފަ އެވެ.