Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ވެއްޓުނު މަތިންދާ ބޯޓްގައި ދިވެހި ޑޮކްޓަރެއް، ހާލު ރަނގަޅު

REUTERS

ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓުގައި ޖައްސަން ދަނިކޮށް މިއަދު ވެއްޓުނު ބަންގްލަދޭޝް މަތިންދާ ބޯޓުގައި ހުރި ދިވެހި ޑޮކްޓަރަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓުނު ބޯޓުން ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވެފައިވަނީ އެ ގައުމުގައި މެޑިސިން ދާއިރާއިން ކިޔަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲއެވެ. އޭނާއަށް ނޭޕާލުގެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު ސީރިއަސް ގެއްލުމެއް ލިބިފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ރިޒާނާއަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. އޭނާ މިހާރު ފުރިހަމަ ކުރަމުންދަނީ މެޑިސިންގެ ފަހު އަހަރެވެ.

މިއަދު ހިނގި މި އެކްސިޑެންޓްގައި ބޯޓުން ދަތުރުކުރި 71 މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު 50 އަށް އަރައެވެ.

ނޭޕާލުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޮމްބާޑިއާ ޑޭޝް 8 ކިއު 400 މަރުކާގެ މަތިންދާބޯޓް ވެއްޓުނީ ބޯޓު ޖައްސަން ދަނިކޮށެވެ. އަދި ބޯޓު ވެއްޓިފައިވަނީ ކަތަމަންޑޫ އެއަޕޯޓް ކައިރީ އޮތް ފުޓްބޯޅަ ދަނޑަކަށެވެ.