ޚަބަރު

ފާސް ކުރި ދެ ބިލް ވެސް ގާނޫނާ ޚިލާފު: ގާސިމް

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުގެ ގާނޫނަށް ގެނައި އިސްލާހަކީ ކަނޑައެޅިގެން ދިވެހި ރާއްޖޭގެ ގާނޫނު އާސާސީއާ ޚިލާފަށް ފާސްކުރި ދެ ބިލު ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުން ނިންމި ދެ ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ދެ ނިންމުން ކަމަށް ވާތީ އެއީ ރައްޔިތުން އަމަލު ކުރަން ޖެހޭ ނިންމުންތަކެއް ނޫން ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ކަންތައްތަކަކީ 43 މެމްބަރުން ހާޒިރުވެތިބެގެން ނޫނީ ވޯޓަށް ނޭހޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔެވިފައި އޮންނަ ކަމަށެވެ.

އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކުރީ 36 މެމްބަރުން ބިލް ފާސްކުރުމަށް ވޯޓު ދީގެންނެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ މަޖިލީހުގައި ހާޒިރުވެ ތިބި 38 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.