Last Updated: June 25, 07:17
Wednesday, June 25, 2025
ޚަބަރު

ކައުންސިލަރުން މަދުކުރާ ގަރާރަށް ހިޔާލު ހޯދަނީ

ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެއްވި ގަރާރަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ގަރާރަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހެޅުމަށް އެދޭ ނަމަ އަންނަ މަހު 8، ގެ ކުރިން ލާމަރުކަޒީ ކޮމިޓީއަށް މެއިލްގެ ޒަރިއްޔާއިން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލަތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއިން ނުނިކުންނަ ކަމަށް ކުރާ ތުހުމަތެވެ. އަދި ގައުމު އޮތް ހާލަތަށް ބަލާ އިރު ގައުމާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއް ކަމަށާއި މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް އަދި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު، އިތުރު ބަދަލެއް ފެންނަން ނެތް ކަމަށް ޝުޖާއުގެ ގަރާރުގައި ބުނެފައިވެ އެވެ.

އަދި ލާމަރުކަޒީ ނިޒާމު ވެފައި އޮތީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ރަށުގެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅި މި މަހުގެ 16 ގަ އެވެ.