ހަލާލު ޓޫރިޒަމަށް 31 ރަށެއް ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ރަށްތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އިއުލާންކުރައްވާފަ އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު ވިދާޅުވީ ޖުމްލަ 31 ރަށެއް ހަލާލް ޓޫރިޒަމަށް ހުޅުވާލާ އިރު، އޭގެ ތެރެއިން ފުރަތަމަ ހުޅުވާލާނީ ތ، ލ، ށ، ހއ އަދި ހދ އިން ރަށެއް ކަމަށެވެ.
އަދި އައްޑޫ ސިޓީގެ ރަށެއް ވެސް ހަލާލް ޓޫރިޒަމަށް ހުޅުވާލާނެ ކަމަށާއި ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އަދި ނުނިންމާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، ރިސޯޓުތަކުގައި އިސްލާމީ އުސޫލުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. އެގޮތުން އެ ރިސޯޓުތަކުގައި ވިއްކޭނީ ވެސް ހަލާލް ސެޓިފައިޑް ކާބޯތަކެތި އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އަމާޒު މިހާރު ހުރީ ޙަލާލް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ގައުމަކަށް ވުމަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޙަލާލް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ޚާއްޞަކޮށް ގިނަ ރަށްތަކެއް ސަރުކާރުން ކަނޑައަޅާއިރު އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.