Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ޒާތީވުން ދޫކޮށްލައި، އެންމެން އެކުވެރިވާންޖެހޭ: ރައީސް

ޒާތީވުން ދޫކޮށްލައި އެންމެން އެކުވެރިވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ މިނިވަންދުވަސް އަންނައިރުގައި އެންމެ ބޮޑަށް ދެކެން ބޭނުންވަނީ، އެކުވެރިކަން އަންނަން ކަމަށާއި މި ސަރުކާރުގެ، ސިޔާސަތު އޮތީ އެގޮތަށް ކަމަށެވެ.

"އެއީ، މިއަދާ ހަމަޔަށް އައިއިރުގައި، އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނުފެންނާނޭ، އެއްވެސްވަރަކަށް ބަދަލުހިފުމުގެ ރޫޙެއް އަޅުގަނޑުމެން ބޭނުންކުރާ ތަނެއް. އަޅުގަނޑުގެ އެއްވެސްކަހަލަ ޢަމަލަކުންވެސް އަދި ބުނާ ބަހަކުންވެސް ނުފެންނާނެ. އަޅުގަނޑު އޮންނާނީ ވަޢުދުވެފައި، މި ސަރުކާރަކުންނެއް ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުކުރާނަމޭ. އެ ރޫޙު ނައްތައިލާނަމޭ. ސިޔާސީގޮތުން އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާނަމޭ. ބަންދެއް ނުކުރާނަމޭ. އަނިޔާއެއް ނުކުރާނަމޭ. ޖަލަކަށްނުލާނަމޭ. މިއަދާ ހަމަޔަށް އައިއިރުގައި ނުހުންނާނެ، އެއްވެސް މީހަކު، އަޅުގަނޑުމެން ހައްޔަރުކުރި މީހެއްވެސް އަދި ބަންދުކުރި މީހެއްވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ވެސް ހާއްސަ އިލްތިމާސެއް ކުރައްވާފަ އެވެ. އެގޮތުން ކުރީގައި އޮތް ނުބައި ރޫޙު ދޫކޮށްލައި، އެންމެން އެކަތިގަނޑެއްގެ ގޮތުގައި އުޅެން ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ބިނާކުރަނިވި ފާޑުކިޔުން އަބަދުވެސް އޮންނަންޖެހޭނޭ ކަމަށާއި ރަނގަޅުކުރަންހުރި ކަންކަމުގެ ޑިމޮކްރަސީއެއްގައި ވެސް އަދި ފައްކާވެފައި ހުރި ޑިމޮކްރަސީ އޮތް ޤައުމުތަކޭ މި ކިޔާ ޤައުމުތަކުގައިވެސް އެކަން އޮންނަ ގޮތަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ނުކުރާނެ އެ ޤައުމުތަކުގައެއް ޒާތީކޮށެއް ކަންކަމެއް. އެ މީހުންގެ ތެރޭގައި ސިޔާސީވެގެން ގޮސް މި ކިޔާ ޑަރޓީ ޕޮލިޓިކްސްގެ ތެރެއިން މީހުންނަށް ގެއްލުން ދިނުމާ، އެކަންކަމެއް ނޯންނާނެ އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެބަޖެހޭ އެކަން ދޫކޮށްލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެކަންކަން ދޫކޮށްލައި ޤައުމައިގެން ކުރިއަށްދިޔުމުގައި އެންމެން ނިކަން ހަމަޖެހިލައިގެން އެކުވެރިކަމާއެކީގައި އުޅެންޖެހޭ ކަމަށާއި އެއީ، މިނިވަން ޤައުމެއްގެ ގޮތުގައި ދިޔުމުގައި އެމަނިކުފާނު އެންމެ ބޮޑަށް ދެކެން ބޭނުންވާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.