ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ދަތުރުފުޅުގައި މިރޭ ހޮޅުދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ އޮތް އަތޮޅެއް ކަމަށާއި ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫ ހިމެނޭ ސަރަހައްދަށް އިތުރު ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
އެގޮތުން ވެލިދޫ ކައިރީގައި އޮންނަ "ވިހަފަރު"ގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަޅާ އެއާޕޯޓެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި އެއާޕޯޓާއެކު އިގްތިސާދީ ގޮތުން ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ ކަމަށާއި އެ މަޝްރޫއު އަކީ މެދު އަދި ދުރު ރާސްތާއަށް ބަލާއިރު މުޅި އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމާއި އެ އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެހެން މަޝްރޫއުތަކަށް ވެސް ލިބޭނެ ފައިދާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ޓޫރިޒަމް ދާއިރާ އަދި އިގްތިސާދީ ދާއިރާތައް ކުރިއަށްދާ އަތޮޅެއްގައި ކޮންމެހެން ވެސް މި ދެންނެވި އެއާޕޯޓު ގާއިމުކުރަންޖެހޭ. އެއީ މުޅި އަތޮޅަށް ވެސް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް ވެސް ފައިދާވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ނ. އަތޮޅުގައި މިހާރު ގާއިމުކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.