Last Updated: August 18, 23:01
Monday, August 18, 2025
މުނިފޫހިފިލުވުން

'ސައްޔާރާ' ގެ ދެވަނަ ބައެއްގެ ޕްލޭނެއް ނެތް: މޯހިތު

އަހާން ޕާންޑޭ އާއި އަނީތު ޕައްޑާއާ އެކު މޯހިތު.

މިދިޔަ މަހު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، ސިނަމާތަކުގައި އަދިވެސް ދައްކަމުން އަންނަ އަންނަ ބޮލީވުޑްގެ ފިލްމު "ސައްޔާރާ" ގެ ސީކްއެލްއެއް ހެދުމުގެ ޕްލޭނެއް ނެތް ކަމަށް ޑައިރެކްޓަރު މޯހިތު ސޫރީ ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އޭގެ ދެވަނަ ބައެއް ހަދާ ނަމަ އެކަމާ ރަސްމީކޮށް ގޮތެއް ނިންމާނީ ޕްރޮޑިއުސަރު ކަމަށެވެ. އެކަމަކު "ސައްޔާރާ" އުފެއްދި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ، އޭގެ ސީކްއެލްއެއްގެ ވާހަކަ މިހާތަނަށް ދައްކާފައި ނުވާ ކަމަށް ވެސް މޯހިތު ބުންޏެވެ.

"ޕްރޮޑިއުސަރު ސީކްއެލްއެއް ހަދަން ނިންމައިފިއްޔާ އަހަރެން އެކަމާ ކުރިމަތިލާނަން." އަދިތިޔާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަލަށް ޑައިރެކްޓްކުރި ފިލްމާ ބެހޭ ގޮތުން ޑައިރެކްޓަރު ބުންޏެވެ.

"އާޝިގީ 2" އާއި "އޭކް ވިލަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މޯހިތު ބުނީ ފިލްމެއް ބޮޑު ކާމިޔާބީއެއް ހޯދުމަކީ އޭގެ ދެވަނަ ބަޔަކަށް ކޮންމެހެން ދާން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ.

"ބައެެއް ފަހަރު ސީކްއެލްތައް ހަދައިގެން އެބަހުރި ފުރަތަމަ ފިލްމުގެ ހަގީގީ ޖާދޫ ގެއްލިފައި ވެސް. އެކަމަކު އަހަންނަކީ ސީކްއެލްތަކާ ދެކޮޅު މީހެއް ނޫން،" މޯހިތު ބުންޏެވެ. "އަހަރެން ހެދި ފިލްމުތަކުގެ ލިސްޓަށް ބަލާ ނަމަ އެކަން އެނގޭނެ."

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2013 ގެ "އާޝިގީ 2" އަކީ ޑައިރެކްޓަރު މަހޭޝް ބަޓް 1990 ގައި ގެނެސްދިން "އާޝިގީ" އާ ގުޅުވައިގެން ގެނެސްދިން ފިލްމެކެވެ. އަދި މޯހިތު ވަނީ އޭނަގެ 2014 ގެ "އޭކް ވިލަން" ގެ ސީކްއެލްއެއް 2022 ގައި "އޭކް ވިލަން ރިޓާންސް" ގެ ނަމުގައި ވެސް ގެނެސްދީފަ އެވެ.

އެކަމަކު ފުރަތަމަ ބައި ބޮޑު ހިޓަކަށްވި އިރު، ދެވަނަ ބަޔަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.

މިދިޔަ މަހުގެ 18 ގައި ސިނަމާތަކަށް ގެނައި މޯހިތުގެ "ސައްޔާރާ" އަކީ މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ. އާ ބަޔަކު ލީޑަށް ލައިގެން ގެނެސްދިން މި ފިލްމުވީ މުޅި އިންޑިއާ ސިއްސުވާލި ބޮޑު ހިޓަކަށެވެ. "ސައްޔާރާ" ގިނަ ބަޔަކަށް އެޖާ ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި މޯހިތު ފިލްމުތަކުގައި އާންމުކޮށް ހުންނަ ކަހަލަ ރިހުމާއި ލޯތްބާއި ކެކުޅުން ވަރަށް އަސަރުގަދަކޮށް ގެނެސްދީފައިވުމާއި ފިލްމުގެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ އެކްޓިން މޮޅުވުމާއި ފިލްމުގެ މިއުޒިކް ވެސް ވަރަށް ކަމުދިއުމެވެ.

"ސައްޔާރާ" އަންނަ މަހުގެ މެދުތެރޭގައި ވައިއާރްއެފުން ނެޓްފްފިކްސް އަށް ދޫކޮށްލަން ހަމަޖެހިފައިވެ އެވެ.