ކުރިން ވެސް ކާމިޔާބު އަސަރު ގަދަ ލޯބީގެ ފިލްމެއް ކުޅެފައިވާ އެކްޓަރު ހާޝް ވަރްދަން ރާނޭގެ މި ޖޯންރާގެ އާ ފިލްމު "އޭކް ދީވާނޭ ކީ ދީވާނީއްޔަތު" ގެ ޓީޒާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ނިންމީ އަންނަ އޮކްޓޯބަރު މަހުގެ 21 ގަ އެވެ. އޭނަ ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޖޯން އަބްރަހަމާ އެކު 2018 ގައި ގެނެސްދިން އެކްޝަން ތުރިލާ "ސަތިއަމޭވް ޖަޔަތޭ" ގެ ސީކްއެލް 2021 ގެ "ސަތިއަމޭވް ޖަޔަތޭ 2" އެވެ.
"އޭކް ދީވާނޭ ކީ ދީވާނީއްޔަތު" ގެ ބަތަލާ އަކީ ސޯނަމް ބަޖްވާ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ ޖޫން މަހު ރިލީޒްކުރި "ހައުސްފުލް 4" އިންނެވެ. އަދި އަންނަ މަހުގެ 5 ގައި ރިލީޒްކުރާ ޓައިގާ ޝްރޮފްގެ "ބާގީ 4" އިން ވެސް ސޯނަމް ފެންނާނެ އެވެ.
ހާޝްގެ ކުރީގެ ކާމިޔާބު ލޯބީގެ ފިލްމަކީ 2016 ގެ "ސަނަމް ތޭރީ ގަސަމް" އެވެ.