އައްޑޫގެ ފަތުރުވެރިކަމުގެ ޕްލޭން އަންނަ ޖޫން މަހުގެ ތެރޭގައި ލޯންޗް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.
"އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބް ވިދާޅުވީ އައްޑޫ އަކީ ފަތުރުވެރިކަމުގެ ފުރުސަތު ބޮޑު އަތޮޅަކަށް ވެފައި، އެކަމަށްޓަކައި މިނިސްޓްރީން ފުރިހަމަ ޕްލޭނެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓްރީން މިހާރު މި ދަނީ އައްޑޫގެ ފަތުރުވެރިކަމާ ބެހޭ ޕްލޭން އެކުލަވާލަމުން. އައްޑުއަކީ ޕްޓެންޝިއަލް އޮތް ތަނެއް. އަޅުގަނޑުމެންނަށް ހިއްކިދާނެ ފަޅުތައް ވެސް އެބަހުރި. އެތަން ތަން އައިޑެންޓިފައިކޮށް ޕްލޭން ހަދަމުން މިދަނީ. އިރާދަ ކުރެއްވިޔާ ޖޫން މަހު އަޅުގަނޑު އެބަ އަންނަން އައްޑު އަށް." އޭނާ ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ ދާދި ފަހުން މާލޭގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) އާއި ބައްދަލުކޮށް ކައުންސިލުން ކުރިއަށް ގެންދާ ގެސްޓް ހައުސް ވެންޗާގެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ފަހުން އައްޑޫގެ މޭޔަރާއި ބައްދަލުކޮށް އެދިފައިވާނެ އައްޑޫގައި ތިބި ސަރުކާރުގެ ހުސް ބިންތަކުގެ މައުލޫމާތު ފޮނުވައި ދިނުމަށް. އެ މައުލޫމާތު ލިބިގެން ރަށުތެރޭގެ ތަންތަން އައިޑެންޓިފައި ކުރެވޭނީ. ހީވަނީ ވަރަށް އަވަހަށް އެމައުލޫމާތު ކައުންސިލުން އަޅުގަނޑުމެންނާއި ހިއްސާ ކުރައްވާނެ ކަމަށް." މޭޔަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިސްވެ ތިބެގެން "އައްޑޫ ގެސްޓް ހައުސް ވެންޗާގެ" ނަމުގައި އާއްމުންގެ ގޭގެ އާއި ގޯތީގައި ގެސްޓް ހައުސް ހެދުމަށް ވަނީ ޕްލޭނެއް އެކުލަވާލާފަ އެވެ.
އަދީބް ވިދާޅުވީ ހެރެތެރެ ބަޔަކާއި ހަވާލުވެފައި އޮތުމާއި، އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތުން އައްޑޫގައި ފަތުރުވެރިކަމުގެ ފުރަތަމަ ހަރުފަތުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ވެފައިވާ ކަމަށެވެ.
"ގެސްޓް ހައުސް ތަކަކީ މީ ފަތުރުވެރިކަމުގެ ފުރަތަމަ ހަރުފަތް، މީގެ އެތައް ހަރުފަތެއް އައްޑޫގައި ގާއިމް ކުރެވިގެންދާނެ. އެކަންކަން ޕްލޭންގައި ހިމަނާފައި ވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
ހަންކެޑެ ތަރައްޤީ ކުރުމަށް ހަވާލުވެފައިވާ ކްރެސެންޑާސްގެ ހިއްސާ އޮންނަ ކުންފުންޏަކުން ހެރެތެރެ ގަތުމާއި ގުޅިގެން އަދީބް ވިދާޅުވީ ހަންކެޑެ ގެސްޓް ހައުސް އައިލެންޑްއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅުއްވާ ކަމަށެވެ. އަދި އެހިޔާލް އައްޑޫގެ މޭޔަރާއި، ހިއްސާ ކޮށްފައިވާނެ ކަމަށް އަދީބް ވިދާޅުވިއެވެ.
އަދީބް ވިދާޅުވީ މިހާރުގެ ސަރުކާރުން އައްޑޫގައި ހަދާނެ ކަމަށް ވައުދުވެފައިވާ 5000 އެނދު ހެދުމުގެ ގާބިލްކަން ލިބިފައިވަނީ މި ސަރުކާރުން އެމަނިކުފާނަށް އެކަނި ކަމަށެވެ.
"އަޅުގަނޑަށް އައްޑޫގައި އެނދު އިތުރު ކުރެވޭނީ. އަޅުގަނޑު ނޫން ދެން ކާކަށް އެމަސައްކަތް ކުރިއަށް ގެންދެވޭނީ. އަޅުގަނޑުމެން މިގެންދަނީ އެމަސައްކަތް ހިންގަމުން. މަޖްލިސްގެ ރައީސް ހޮވާ ހިސާބުން، ސިޔާސީ ކަންކަން ނިންމާ ގައުމުގެ އިގްތިސާދާއިގެން އަޅުގަނޑުމެން ކުރިއަށްދާނީ"
އައްޑޫގައި ފަތުރުވެރިކަން ކުރިއެރުމުގެ ގޮތުން ފަށާފައިވާ ގެސްޓް ހައުސް ވެންޗާއަށް ބޮޑު ތަރްހީބެއް ލިބެމުން އަންނަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.