Last Updated: July 12, 00:08
Saturday, July 11, 2026

އައްޑޫލައިވްގެ އަހުލާގީ އަދި ސުލޫކީ މިންގަޑު

މިއީ އައްޑޫލައިވްގެ ނޫސްވެރިންނާއި އަދި އެޑިޓަރުންގެ އިތުރުން މި ނޫހުގައި މަސައްކަރް ކުރާ މުވައްޒަފުން ނޫހުގައި ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި ގެންގުޅޭނެ އަހުލާގީ އަދި ސުލޫކީ މިންގަޑެވެ. އައްޑޫލައިވްގެ ހުރިޖާ މުވައްޒަފުންވެސް މި މިންގަޑަށް ތަބާވާން ޖެހޭނެއެވެ.

އިންސާފުވެރިވެރިކަމާއި ހަމަހަމަ ކަމާއި އެކު ހަބަރު ފެތުރުން

އައްޑޫލައިވްގެ ހުރިހާ މުވައްޒަފުން ވެސް ހަބަރާއި މައުލޫމާތު ގެނެސްދޭންވާނީ ވީހާވެސް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއި އެކުއެވެ.
މިނިވަންވުމާއި ނުފޫޒުތަކުން އެއްކިބާވުން
މިހާރު އޮންލައިނާއި މިހާރު ނޫހުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި މަސައްކަތް ކުރާނީ ސިޔާސީ ނުވަތަ އެ ނޫން ވެސް ނުފޫޒުތަކުން އެއްކިބާވެ, މިނިވަންކަމާއެކު އެވެ.

ތެދު މައުލޫމާތު ގެނެސްދިނުން

އައްޑޫލައިވް އިން ހަބަރާއި މައުލޫމާތު ގެނެސްދޭންވާނީ ހަގީގަތާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. ކުއްލި ހަބަރެއް ނުވަތަ ހިނގަމުންދަ ކަމަކާއި ގުޅޭ ގޮތުން ގެނެސްދޭ ހަބަރެއްގައިވެސް ހަގީގަތާއި ހިލާފު މައުލޫމާތެއް ގެނެސްދީފި ނަމަ އެކަން ވަގުތުން އިސްލާހު ކުރުމަށްފަހު ކިޔުންތެރިންނަށް އެނގޭނެގޮތަށް އަންގަންވާނެއެވެ.

ޒިންމާ ނެގުން

އެއްވެސް ހާލަތެއްގައި އައްޑޫލައިވް ނޫހުގައި ގެނެސްދޭ ހަބަރެއްގައި ހަގީގަތަކާއި ހިލާފު މައުލޫމާތެއް ގެނެސްދެވިއްޖެނަމަ އެކަން އެނގޭ ހިސާބުން އެ މައުލޫމާތު އިސްލާހުކޮށް އެ މައުލޫމާތެއް ރަނގަޅުކުރިކަން އެނގޭ ގޮތަށް، ރަނގަޅު މައުލޫމާތު ހާމަކުރަން ވާނެއެވެ.

އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު ތަކާއި ހިލާފު ނުވުން

އައްޑޫލައިވްއިން ގެނެސްދޭ އެއްވެސް މައުލޫމާތެއް ނުވަތަ ހަބަރަކީ އިސްލާމްދީނުގެ އަސްލަކާއި ނުވަތަ ރާއްޖޭގެ އެއްވެސް ގާނޫނަކާއި ހިލާފު ހަބަރަކަށް ވެގެން ނުވާނެއެވެ.

ޒާތީ މަސްލަހަތުތަކަށް ހިމާޔަތް ކުރުން

މީސް މީހުންގެ އަމިއްލަ ދިރިއުޅުމާއި ޒާތީ މައްސަލަތައް ރިޕޯޓް ކުރާއިރު އެމީހުންގެ ޒާތީ ދިރިއުޅުމުގެ ހައްޤަށް އިހްތިރާމް ކުރަންވާނެއެވެ. މިފަދަ މައްސަލަތައް ރިޕޯޓްކުރާއިރު އާއްމު މަޞްލަހަތަށްވެސް ރިޢާޔަތްކުރަންވާނެއެވެ.

ކާރިސާތަކާއި ޙާދިސާތަކާއި ޖިނާޢީ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނާ ބެހޭ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އޯގާތެރިކަމާއި ވަގުތުގެ ހައްސާސްކަމަށް ރިޢާޔަތްކުރަންވާނެއެވެ. ހިތާމަވެރި ދަނޑިވަޅުތަކުގައި ހިތާމަ ލިބޭ ފަރާތްތަކުގެ ފަރާތުން މައުލޫމާތު ހޯދުމުގަޔާއި މައުލޫމާތު ފެތުރުމުގައި އެމީހުންގެ ހިތާމަ އިތުރަށް ބޮޑުވެދާނެކަމެއް ނުކުރުމަށް ސަމާލުކަން ދޭން ވާނެއެވެ.

ޚާއްސަ ހާލަތްތަކުގައި ތިބޭ މީހުންނާއި، އަނިޔާ ލިބޭ މީހުން އަދި ކުޑަކުދިންނާ ގުޅޭ ވާހަކަތައް ގެނެސްދިނުމުގައި، އެއީ ކާކު/ކޮންބައެއްކަން ދެނެގަނެވޭނެ އެފަރާތްތަކުގެ ޒާތީ މައުލޫމާތު ސިއްރުކުރަން ޖެހޭނެވެ. އަދި މިފަދަ ކަންކަން ރިޕޯޓްކުރުމުގައި އެޑިޓޯރިއަލް ޕޮލިސީގައި ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަބާވާން ޖެހޭނެއެވެ.

މަސްދަރު ހިމާޔަތް ކުރުން

މައުލޫމާތު ހޯދުމާއި ފެތުރުމުގައި ސިއްރު ހިފަހައްޓަންޖެހޭ ހާލަތްތަކުގައި އެގޮތަށް އަމަލު ކުރާނެ އެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ މަސްދަރުތަކުގެ މައުލޫމާތު އެ ފަރާތެއްގެ ރުހުން އޮވެގެން މެނުވީ އެއްވެސް ގޮތަކަށް ހާމައެއް ނުކުރާނެ އެވެ.

ފިކުރީ މުދަލުގެ ހައްޤުތަކަށް އިހްތިރާމްކުރުން

ޝާއިއުކުރާ މައުލޫމާތުތަކުގެ ތިން ވަނަ ފަރާތެއްގެ ފިކުރީ މުދަލުގެ ހައްގެއްވާ ނަމަ, އެފަދަ މައުލޫމާތެއް ޝާއިއު ކުރާނީ އެ ފަރާތެއްގެ ހުއްދަ ލިބިގެން ނުވަތަ އެ ފަރާތެއްގެ ދޭންޖެހޭ ހައްގު ކްރެޑިޓް ދީގެންނެވެ.

މަޞްލަޙަތު ފުށުއެރުން

ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ބެލެވޭނެ އަމިއްލަ، މާލީ އަދި ރަސްމީ މަޞްލަޙަތު ފުށުއަރާ އެއްވެސް އަމަލެއް އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެއެވެ. މަޞްލަޙަތު ފުށުއަރާކަމެއް ދިމާވެއްޖެނަމަ އެކަމެއް ނޫހުގެ އެޑިޓަރުންނާއި ހިއުމަން ރިސޯސަސް އަށް އަންގަންވާނެއެވެ.
ޚަބަރާއި މައުލޫމާތު ފެތުރުމަށް ހުރަސް އެޅިދާނެ، ނުވަތަ ވަކި ފަރާތެއްގެ ނުފޫޒު ދަށުވެދާނެ އެއްވެސް ހަދިޔާއެއް އެއްވެސް މުވައްޒަފަކު ޤަބޫލުކޮށްގެން ނުވާނެއެވެ. އަދި އެފަދަ އޮފާއެއް ހުށަހަޅައިފި ނަމަ ނޫހުގެ ވެރިންނަށް އަންގަންވާނެއެވެ.