Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ފުލުހުންގެ ރެސްޓޯރަންޓް "ޕޮލާޓޭ" ހުޅުވައިފި

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން އިސްކަންދަރު ކޮށީގައި ހެދި ރެސްޓޯރަންޓް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ޕޮލްކޯގެ ރެސްޓޯރަންޓް "ޕޮލާޓޭ" ހުޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ އިސްކަންދަރު ކޮށީގައި ހުޅުވި ރެސްޓޯރަންޓް ވެގެން ދާނީ ރައްކާތެރިކަމާއި ހިތްފަސޭހަކަމާ އެކު، ކެއުމަށް އިންސާފު ކުރުމަށާއި އެކުވެރި މާޙައުލެއްގައި ކޮފީއާއި ސައި ބުއިންފަދަ ކަންކަމަށް ހުޅުވުނު ދޮރެއް ކަމަށެވެ.

ވަކިން ޚާއްޞަކޮށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބޭ މީހުން ކެއުން ބުއިމުގެ ކަންކަން ރައްކާތެރި ވެއްޓެއްގައި ހަމަޖެއްސުމަށް މިއީ ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޖިހާދު އަދި ވަނ ފުލުހުން ރެސްޓޯރަންޓެއް ހުޅުވާފައިވާތީ އެކަމަށް ތައުރީފު ވެސް ކުރައްވައިފަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ ފުލުހުންނަކީ ވަަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި ރައްކާތެރި މާޙައުލެއްގައި އެކުވެރިންނާއި ޢާއިލާގެ މެމްބަރުންނާއެކު އެއް ސުފުރާ މަތީގައި ކެއުމަށް އިންސާފު ކުރުމުގެ ފުރުޞަތު ލިބި ގުޅުން ބަދަހިވުމުގެ ފުރުޞަތު އޮތުން މުހިއްމުކަމަށެވެ.

އެހެންކަމުން ޕޮލިސް އިން އަބަދުވެސް ރެސްޓޯރެންޓެއްގެ ޚިދުމަތް ފެށުމުގެ ވިސްނުން ގެންގުޅުނު ކަމަށް ވިދާޅުވި އެވެ.

"ޕޮލާޓޭ" ރެސްޓޯރަންޓް ހުޅުވިފައި ހުންނާނީ ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 12:00 އަށެވެ.

ފުލުހުން ބުނީ މި ރެސްޓޯރަންޓަކީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކާއި އެކުވެރިންނަށް ވެސް ޚިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރެސްޓޯރެންޓެއް ކަމަށެވެ.

ފުުލުހުންނަށް ހާއްސަކޮށްގެން "ޕޮލިސް ޝޮޕް" ގެ ނަމުގައި ފިހާރަ ވެސް ހިންގަ އެވެ.