Last Updated: May 4, 20:25
Saturday, May 4, 2024
ރިޕޯޓް

455 ދުވަސް! އައްޑޫ އައިޓީ ޕާކް ކޮބާ؟

ކުރީގެ ރައީސް ޔާމީން އާއި ނައިބް ރައީސް ޖަމީލް، ކެމްޕެއިން ދަތުރުފުޅެއްގައި ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމް މެމްބަރުން ތަކަކާއި އެކު ފޮތޯއަކަށް ހުއްޓި ވަޑައިގެން.

އައްޑޫ ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން އައްޑޫގައި އައިޓީ ޕާކެއް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވި ހަނދާން އެބަހުރި ހެއްޔެވެ؟

އެއީ މީގެ 455 ދުވަސް ކުރި އެވެ. އައްޑޫ ސިޓީގެ ޒުވާނުންނަށް އައިޓީ ޕާކެއް ހަދައިދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އައްޑޫގައި މާ ބޮޑު ހަރަދަކާ ނުލައި އައިޓީ ޕާކެއް ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

ކޮންމެއަކަސް އައްޑޫގެ ޒުވާނުންނަށް އައްޑޫގެ ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ހުޅުމީދު އާއި ހިތަދު އަދި ފޭދު އާއި ހިތަދު އާ ދެމެދު ހުރި ފަޅު ރަށްތަކުގައި ވެސް ޓޫރިޒަމް އިތުރަށް ފުޅާކުރާނެ ވާހަކަ ދައްކައި އެދުވަހުގެ ޖަލްސާ ނިންމާލި އިރު ރައީސް ޔާމީން ވަނީ ވަރަށް ގިނަ ވައުދުތަކެއް ވެ ވަޑައިގެންފައެވެ.ހަމައެންމެ ބޭނުމަކު އެވެ.ރިޔާސީ އިންތިޚާބުގައި އައްޑޫގެ ޒުވާނުންގެ ވޯޓް ހޯދުމަށެވެ.

އަޅުގަނޑުމެން އައްޑޫގެ ޒުވާނުން ރައީސް ޔާމީނަށް ވޯޓް ދިނީމެވެ.ހުރިހާ އެންމެން ވޯޓް ދިން ވާހަކައެއް ނޫނެވެ.އެމަނިކުފާނު އެދުވަހު ދެއްކެވި ވާހަކަ ޤަބޫލުކުރެއްވި ބޭފުޅުންނެވެ. ބައެއް ބޭފުޅުން ބުނެފާނެއެވެ. އައްޑޫ ސިޓީ އަކީ އެމްޑީޕީ މީހުން ތިބޭ ތަނެކެވެ. އެމީހުން ޔާމީނަކަށް ވޯޓެއް ނުދޭނެއެވެ.އެމީހުންނަށް ކަންތައް ކޮށްދޭނެ ކަމެއް ނެތެވެ.

އަޅުގަނޑުމެން އައްޑޫގެ ޒުވާނުން އެއްވެސް ސަރުކާރަކަށް ސަލާން ޖަހައި ކަންކަން ކުރުވަން އުޅޭކަށް ބޭނުމެއް ނޫނެވެ. ކޮންމެހެން ތަރައްޤީ ވާން ބޭނުން ނުވާތީ އެއް ނޫނެވެ. އަޅުގަނޑުމެން ދަންނަ ޙަޤީޤަތަކީ މާލެ ފިޔަވައި އެހެން ރަށަކަށް ކަމެއް ކުރަން ޖެހިއްޖެ ނަމަ އެކަމެއް ވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެކަމަށް ތާރީޚް ހެކި ދޭނެއެވެ.

އިނގިރޭސިން ގަމުން ފޭބި އިރު އެމީހުން ހަދާފައި ދިޔަ އެއަރޕޯޓް ގައި "އިންޓަނޭޝަނަލް" ނަން ބޯޑް އެޅުވުމަށް 30 އަހަރު ނެގިއެވެ.މިފްކޯގެ ކާރުޚާނާއެއް އެޅުމަށް ބިން ހިއްކިއެވެ.އެ ކާރުޚާނާ ވީތަނެއް އަދިވެސް ނޭނގެއެވެ.މިހެންގޮސް އެތައް ވާހަކައެއް ދެއްކިދާނެއެވެ.ފާއިތުވެ ދިޔަ ތަނުގައި ގިނަ ސަރުކާރުތަކުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްކީ ހުސް ހުވަފެންތަކެކެވެ.

އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް އެޅި އީސީސީ
އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް އެޅި އީސީސީ

ދަންނަވަންތޯ އެވެ ! ލިންކް ރޯޑާއި ސާކް ސަމިޓަށް އެޅި އީސީސީގެ މަތިން އަޅުގަނޑުމެން ހަނދާން އެބަހުއްޓެވެ. ލިންކް ރޯޑުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބެއެވެ.އެކަމަށް ރައީސް މައުމޫނަށް ޝުކުރުވެރިވަމެވެ.

ނަމަވެސް ލިންކް ރޯޑް ހަދާފައި ވަނީ އެންމެ ފުރަތަމަ ޕްލޭން ކުރި ގޮތާއި ޚިލާފަށް ކަމަށް އަޑު އަހަމެވެ. ލިންކް ރޯޑް ހެދުމަށް ހުރި ފައިސާއިން އެއްބައި ހުޅުމާލޭގެ މަގުތައް ހެދުމަށް އޭރުގެ ސަރުކާރުން ނިންމެވިކަމަށް ވެސް އަޑު އަހަމެވެ.އީސީސީގެ ވާހަކައެވެ. އެއޮތް ޗާލު ބިނާ އެހެރަ ވީރާނާވެގެން ނެތިދަނީ އެވެ. އަދިވެސް ނޫސްތަކުން ފެންނަނީ މާލޭގައި ހުރި ދަރުބާރުގެ އެއްގެ މަރާމާތު ކުރާ ވާހަކައެވެ.

ރައީސް ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅެއްގައި ޒުވާނުންތަކަކާ ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފިސް
ރައީސް ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅެއްގައި ޒުވާނުންތަކަކާ ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފިސް

ރައީސް ޔާމީންގެ ސަރުކާރުގެ ކުރިން އައި ސަރުކާރުތަކުން ވެސް އައްޑޫގެ ޒުވާނުންނަށް އެތައް ކަމެއް ކޮށްދޭން ވައުދުވިއެވެ.މިއަދު ދެއްކެން އޮތީ ރައީސް ޔާމީންގެ ވާހަކަ އެވެ. ސަބަބަކީ ވެރިކަމުގައި އަދިވެސް ހުންނެވީ އެބޭފުޅާ ކަމަށް ވީމައެވެ.ފަހަރުގައި ބިޒީ ކަމުން އައިޓީ ޕާކުގެ ޕްރޮޖެކްޓު މަތިން ހަނދުމަފުޅު ނެތުނީ ކަމަށް ވުން އެކަށީގެންވެއެވެ.

ރައީސް ޔާމީން އެވެ ! " މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން " ، މަނިކުފާނު މީގެ 455 ދުވަސް ކުރިން ވިދާޅުވި މިވާހަކަ ކޮޅު މަތީން ހަނދާންކޮށްލެއްވުން އެދެމެވެ.