ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ 8 ފުލުހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މުއްދަތު އިތުރުކޮށްފައިވަނީ ކުރީގެ އެސްއޯ ކޮމާންޑަރު އިންސްޕެކްޓަރ ސައިފް ހުސައިންގެ އިތުރުން ޗީފް ސްޓޭޝަން އިންސްޕެކްޓަރު ފާއިޒް މުހައްމަދާއި ސާޖަންޓް އަލީ ނަސީރާއި ސާޖަންޓް އަލީ ރިޝްވާން އާއި ސާޖަންޓް އަބްދުﷲ ރިޔާޒް އާއި ސާޖަންޓް އަހުމަދު އާސިމްގެ އިތުރުން ކޯޕްރަލް މުހައްމަދު ޝާމިންއެވެ. ސައިފް ވަނީ ފުލުހުންގެ ހިދުމަތުން ވަކިކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު 13 ދުވަހަށް ޖަހާފައިވާ އިރު އަނެއް ބަޔަކަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ކުއްލި ހާލަތުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު ގިނަ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަނީ ޖަހައި ދެމުންނެވެ.