ހާސްކަމުން އަރައި ގަނެ، ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށް ދިއުމަށް، ރައްޔިތުން އިޚްތިޔާރް ކުރަން ޖެހޭނީ އެކަން ކަން ކުރެވޭނެ ބަޔަކު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަ ނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަރުރުފުޅުގައި ފާދިއްޕޮޅު ކުރެންދު އަށް ވަޑައިގެން އެރަށުގައި ބޭއްވި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހުގައި އެކަން ސާބިތުކޮށް ދެއްވާފައިވާ ނެކަ މަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން އަލަށް ފަށައި ގަތް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ފޯރުކޮށް ދެވި އެ މީހުންނަށް ހިތްހަމަޖެހުމެއް ގެނެސް ދެވުނީތީ އުފާފުޅު ކުރައްވާ ކަމަށެވެ. އަދި މިއަދު އެމަނިކުފާނާ ބައްދަލުވެވަޑައިގަންނަވާ ދޮށީ އުމުރުގެ ގިނަ ބޭފުޅުންގެ ސިއްޚަތު ރަނގަޅުވެ ނަލަ ހެދިލައިގެން ތިބޭ މަންޒަރު ފެނިވަޑައިގަތުމުން ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިއަދު ފެންނަމުން މިދަނީ ދިގު ތިރީސް އަހަރުގައިވެސް ކަންތައް ކުރަމުން ދިޔަ ބީދައިން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލަމުން ދާ މަންޒަރުކަށާއި އެއީ ވަރަށް ހިތާމަފުޅުކުރައްވާކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބަޣާވާތް ސިފަ ކުރެއްވެނީ ހުއްޓިފައި ހުންނަ އެއްޗެއްގެ ގޮތުގައިކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، ހަޤީގަތުގައި ބަޣާވާތުގެ ހޭޝް ޓެގަގީ "ހުއްޓިފައި" ކަމަށެވެ.
އެގޮތުން، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލު ރުމަށް ފަހު، މިއަދާ ޖެހެންދެން ވެސް އެމަ ނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަންނަ ވަނީ ތަރައްޤީއަށްޓަކައި ފެށިފައި ހުރި މަޝްރޫޢުތައް ހުއްޓިފައި ހުރި މަންޒަރު ކަމަށެވެ.
އެގޮތުން ބަނދަރުތަކާއި ފެނާ ނަރުދަމާގެ ނިޒާމުތަކާއި މަދަރުސާތައް އެއް ދަންފަޅި އަށް ބަދަލު ކުރުމާއި އަދި ދަތުރު ފަތުރު ކުރުމުގެ ނިޒާމް ވެސް ހުއްޓިފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އާސަންދަ ބައި ސަންދައަކަށް، ބަޣާވާތުގެ ސަރުކާރުން ބަދަލުކޮށްލާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ހުރިހާ ކަމެއް ވެސް މިވަނީ ހުއްޓިފައި ކަމަށާއި މިއަދު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުޙަންމަދު ވަހީދު މި ރާއްޖޭގެ ހަޔާތުން އެންމެ އުޖާލާ ދޮޅު އަހަރު ނަގާލައިފި ކަމަށާއި އެއީ ކުޑަ މިންވަރެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އަދި ވިދާޅުވީ އަޅުގަނޑުމެންނަށް މި ޖެހެނީ އަލުން އަނބުރާ ހުރިހާ ކަމެއް ފަށައި ގަތުމަށް ކަމަށާއި، ފަށައިގަތީމާ ވެސް އެ ގެއްލޭ ދެ އަހަރު ދުވަހަކީ މި ރާއްޖެއިން ގެއްލޭ ދެ އަހަރު ދުވަސް ކަމަށެވެ. ދިގު ތިރީސް އަހަރު ދުވަހާއި އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހު ހިނގާ ދިޔަ ކަންކަން ރައްޔިތުންނަށް ސާފު ވާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާ އިރު މިކަން ކަމަށް ރައްޔިތުން ވިސްނަވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަނެއްކާވެސް އުފެދިގެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެ ވެރިކަމުގައި ކުރެންދޫގެ ބަނދަރު ހަދާއިރު ކުރެންދޫގައި ބިން ބޮޑުކޮށް ދެވެން އޮތް ދެ ސަރަޙައްދުގައި އެކަން ކޮށްދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ތެރެއިން ކުރެންދޫގައި ވެސް އެ ވިޔަފާރި ފުޅާ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވާނެކަ މަށާއި އެކަމުގެ ސަބަބުން ކުރެންދޫގެ އެންމެންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެ ރަށުގެ އާންމު އިޖްތިމާޢީ ޙާލަތު އެތައް ތަނަކުން ރަނގަޅުވެގެން ދާނެ ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.