Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

"އުއްތަމަފަނޑިޔާރުގެ ޝަރީއަތް ހިތުހުރި ގޮތަކަށް"

* ޖަވާބުދާރީ ވުމަށް އުއްތަމަ ފަނޑިޔާރަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައި
* ޝަރީއަތް ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށަކުން ނޫން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ސަރުކާރަށް ދަތި ކުރުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދާނީ ލިޔެވިފައިވާ އުސޫލެއް އިޖުރާއެއް ނެތި ފަނޑިޔާރު ބޭނުންފުޅު ގޮތަށްކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވިކަމަށް އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްތައް ކުރިއަށް ގެންދާނީ ޖިނާއީ އިޖުރާތު ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައް ހިފެހެއްޓުމަށްފަހު ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. އެގޮތަށް އެ ހައްގުތައް ހިފަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ދަށުން ޖިނާއީ އިޖުރާތުގެ ގާނޫނު ސަސްޕެންޑް ކުރެވިފައިވާތީއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒު ހުސްނުއް ސުއޫދު ވިދާޅުވީ އުސޫލެއް އިޖުރާއެއް ނެތި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ސުއޫދު ވިދާޅުވީ ގާޒީ ހިތުހުރި ގޮތަކަށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ގާނޫނު އަސާސީގެ 42 ވަނަ މާއްދާ ގައި ޝަރީއަތް ކުރިއަށް ގެންދާވާނީ ގާނޫނު އަސާސީ އާއި ގާނޫނު ތަކާއި އެއްގޮތަށް ކަމަށް ބުނެފައިވާއިރު އެފަދަ އުސޫލެއް ނެތި ގާނޫނު އަސާސީން ލިބިދޭ ހައްގުތަކުން މަހްރޫމްކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެކަމަށާއި ނަމަވެސް ކުއްލި ހާލަތުގެ ދަށުން ޖިނާއީ އިޖުރާއުގެ ގާނޫނު ސަސްޕެންޑް ވެފައި އޮތުމުން އެހައްގުތައް ނުލިބޭނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު އަބްދުﷲ ސައީދުގެ ޝަރީއަތް ފަސްކޮށްދެއްވުމަށް ސުއޫދު އެދިވަޑައިގަތުމުން ގާޒީ ވަނީ މައްސަލައަށް ޖަވާބު ދާރީ ވުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިރު މިއީ ރާއްޖޭގެ ތާރީހުގައި އުއްތަމަ ފަނޑިޔާރެއްގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.