Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫ ކައުންސިލަރުންތަކެއް ސަސްޕެންޑްކޮށްފި

އައްޑޫ ކައުންސިލަރުން އެމެރިކާ ސަފީރު އާއި އެކު.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ގެ އިތުރުން އެ އިދާރާގެ ދެ ކައުންސިލަރަކު ސަސްޕެންޑްކޮށްފި އެވެ.

ސަސްޕެންޑްކޮށްފައި ވަނީ ސޯބެ އާއި ޔަސްރިފްގެ އިތުރުން ކައުންސިލަރު ޖަމްޝީދާ މުހައްމަދާއި، ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީން މިއަދު އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާ، މުހައްމަދު ސައުދީއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުންނެވެ.

އެލްޖީއޭއިން ވަނީ މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށައަޅާނެ ކަމުގެ އިންޒާރު ވެސް ކައުންސިލަށް ދީފައެވެ.

އެލްޖީއޭ އިން އަންގާފައިވާ ގޮތުގައި ސަސްޕެންޑްކޮށްފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލަރުންނަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެއެވެ. އަދި ފަރުދީ ބޭނުމަކަށް ކައުންސިލް އިދާރާއިން ޚިދުމަތެއް ހޯދުމަށް ނޫނީ ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ސަސްޕެންޝަން ނިމެންދެން ކައުންސިލްގެ ކަންތައް ބަލަހައްޓާނީ ކައުންސިލަރ ފައިސަލް އިބްރާހީމާއި އިބްރާޙިމް ޝުކުރީ އަދި ހުސެއިން ހިޔާޒް، ތިން ކައުންސިލަރުން މަޝްވަރާ ކުރުމަށް ފަހު އައްޔަން ކުރާ ކައުންސިލަރެއް ކަމަށް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.