ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއި އިސްލާހީ މަސައްކަތަށް ނިކުމެފައި ތިބި ހުރިހާ ރައްޔިތުންނަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
ސައުންޑުކްލައުޑް މެދުވެރިކޮށް ނަޝީދު ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ ލިބެމުންދާ އަނިޔާއާއި ވޭން، އިޝްގަށް ބަދަލުކުރައްވައި އެލޯބީގާ ދިވެހި ގައުމު ސަލާމަތް ކޮށްދެއްވުމަށެވެ.
"އެކަނިވެރި އަނިޔާގެ ވޭނާ އެކު. ތިޔަ ބޭފުޅުންގެ ހާލަތުގެ ދޫތައް އަޑު ނީވޭނީ ކާކަށްތޯ؟ ހިތަށް ކުރާ އަސަރު، އަޅާ ވޭން އިންތިހާ އަށް ބޮޑު. އެހެން ނަމަވެސް ދަންނަވަންތޯ؟ ތިޔަ އަނިޔާ ތަހައްމަލްކުރެވޭނެ،"
ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ރާއްޖެ ދޫކުރައްވައި ވަޑައިގެން، އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ވަނީ މިހާރު ރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހު ތެރެއިން އަނިޔާ ލިބެމުންދާ ހުރިހާ ބޭފުޅުންނަށް ހިތްވަރުކުރެއްވުމަށް ގޮވާލާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވަމުންދާ އެތައް ބަޔަކު ހައްޔަރުކުރަމުން ދާއިރު ގިނަ ބަޔަކު އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
ސިޔާސީ ހަޔާތުގެ ކުރީކޮޅު ނަޝީދަކީވެސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ދުވަސްތައް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އޭރު ސިޔާސީ ގޮތުން ހަތުރެއްގެ ގޮތުގައި ދެކިވަޑައިގަތް އޭރުގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ސިޔާސީ މިތުރަކަށް ހައްދަވައި، އެކުގައި މަސައްކަތް ފައްޓަވާފައެވެ. މިދިޔަ މަހުގެ 5 ވަނަ ދުވަހު މައުމޫން ހައްޔަރުކުރުމާއި ގުޅިގެން ނަޝީދު ވަނީ މައުމޫން މިނިވަން ކުރުމަށްވެސް ގޮވާލާފައެވެ.