Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

އިބޫއަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު

ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް ވެސް ދައުލަތުން، ސަރުކާރު ވައްޓަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ތެރެއިން އިބޫ ހައްޔަރުކޮށްފައިވާއިރު އޭނާވެސް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޖަލުގައި ބަންދުކުރުމަށް ފަހު އިބޫއަށް ބޭނުންވާ ބޭސް ގަވާއިދުން ދެމުން ނުދާ ކަމަށް އޭނާގެ ވަކީލް، ހިސާން ހުސެއިން ވަނީ ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހިސާން ވިދާޅުވެފައިވާ ގޮތުގައި އިބޫ އަކީ ހިތުގެ ބައްޔަށް ބޭސްކުރައްވާ ބޭފުޅަކަށް ވާއިރު، ގަވާއިދުން ބޭސް ބޭނުންވާނެ ކަން އަންގާފައިވި ނަމަވެސް ގަވާއިދުން އިބޫއަށް ބޭސް ފޯރުކޮށްދެމުން ނުދާ ކަމަށެވެ. އަދި އާއިލާގެ ފަރާތުން އިބޫއަށް ފޮނުވާފައިވާ އަންނައުނު އަދިވެސް ހަވާލުނުކުރާ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.

އިބޫގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކޮށްފައިވާއިރު މަޖިލީހުގެ ފަސް މެމްބަރަކަށް ވަނީ މިހާރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރުމަށް ފަހު ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުކޮށްފައެވެ. އެ މެމްބަރުންނަކީ ދައުލަތުން އިތުރު ދެ ދައުވާއެއްވެސް އުފުލާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް، އާޒިމަށް ކުރާ ތުހުމަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.