ލ.އިސްދޫ ކައުންސިލްގެ ތިން މެމްބަރަކު ސަސްޕެންޑް ކޮށްފިއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްގެ ޒިންމާދާރުވެރިޔާ އަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެ ތިން މެމްބަރުން ސަސްޕެންޑް ކުރީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން އިސްދޫ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ އާއި ގުޅިގެންނެވެ.
އަދި އިސްދޫ ކައުންސިލުގެ އެ އަމަލަކީ އެ އޮތޯރިޓީ އިން ފާސްކޮށްފައިވާ ކައުންސިލުން ކުރާ ގާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާއި ހިލާފު އަމަލެއް ކަމަށް ވެސް އެލްޖީއޭ އިން ބުނެއެވެ.
މި މައްސަލަ ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން ވަނީ އެ ނޫސްބަޔާނުގައި ސޮއިކޮށްފައިވާ އިސްދޫ ކައުންސިލްގެ ތިން މެމްބަރުން މާދަމާ އިން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑު ކުރަން ނިންމާފައެވެ.
އަދި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭ އިން ބުނެއެވެ.
ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ލ.އަތޮޅު ކައުންސިލާއި، ލ.އިސްދޫ ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނާނީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާއި އެވަގުތަކު ހަވާލުވެ ހުރި ފަރާތަކުން ކަމަށް އެލްޖީއޭ އިން ބުނެއެވެ.
އަދި މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ އިސްދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އެލްޖީއޭ އިން ވަނީ ދީފައެވެ.