ހއ. ދިއްދޫ ކައުންސިލްގެ ހަތަރު މެމްބަރަކު އެއްމަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފިއެވެ.
ސަސްޕެންޑު ކޮށްފައިވަނީ ދިއްދޫޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އާއި އެ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހާޝިމް އާއި ކައުންސިލް މެމްބަރުން ކަމުގައިވާ އަހުމަދު ފިރާޤުގެ އާއި މެމްބަރު ޒުހުރާއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ކައުންސިލްގެ ހަތަރު މެމްބަރުން ސަސްޕެންޑުކޮށްފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުން ދިއްދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އެލްޖީއޭ އިން އަންގާފައިވާ ގޮތުގައި ސަސްޕެންޑްކޮށްފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލަރުންނަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެއެވެ. އަދި ފަރުދީ ބޭނުމަކަށް ކައުންސިލް އިދާރާއިން ޚިދުމަތެއް ހޯދުމަށް ނޫނީ ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފައެވެ.
އަދި މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ ދިއްދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އެލްޖީއޭ އިން ވަނީ ދީފައެވެ