ރާއްޖެ ޓީވީ ހުއްޓުވަން ޖެހޭ ކަމަށް ބުނެ އެ ސްޓޭޝަނުގެ ކުރީގެ އިސް މަގާމުތައް ފުރުއްވި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު މިއަދު ގޮވާލައިފިއެވެ.
އެމްޑީޕީ ޓިކެޓުގައި ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާއަށް ކުރިމަތިލައްވައި، މަގާމަށް ހޮވުނު ފަހުން ޕާޓީ ބަދަލުކޮށް، ވެރިކަން ކުރާ ޕީޕީއެމާ ގުޅިވަޑައިގެންފައިވާ ޔާމީން ވަނީ އޭގެ ފަހުން ސަރުކާރު ފަޅިއަށް ވަރަށް ބޮޑަށް ޖެހިވަޑައިގެން، އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.
އަދި މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައި ރާއްޖެ ޓީވީ ބަންދުކުރަން ޖެހޭ ކަމަށް ސީދާ ބުނެފައިވާއިރު ޔާމީން ވަނީ ރާއްޖެ ޓީވީން އަނިޔާވެރިކަމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށްފައެވެ.
ރާއްޖެ ޓީވީ ބަންދުކުރަން ޔާމީން ގޮވާލާފައިމިވަނީ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ގޮވާލާފައި ވަނިކޮށެވެ. އޭނާ ވަނީ ރާއްޖެ ޓީވީގެ އިތުރުން ވީޓީވީ ވެސް ބަންދުކުރުމަށް ގޮވާލާފައެވެ.
މަޖިލީހަށް އިންތިޚާބު ވުމުގެ ކުރިން ޔާމީން ވަނީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ ގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އޭރު ރާއްޖެ ޓީވީގައި އޭނާ ވަނީ އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއްވެސް ހޯއްދަވާފައެވެ.