Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން ލޯންޗެއް ގަންނަނީ!

ކައުންސިލަރުން ހުޅުމީދޫ އަށް ކުރި ދަތުރެއްގައި އެރަށުގެ ބަޔަކާއި ބައްދަލުކުރަނީ/ ފޮޓޯ: ވޮއިސްއޮފްމީދޫ

އައްޑޫ ސިޓީ ކައުންސިލުން ކައުންސިލްގެ ދަތުރުތައް ކުރުމަށް ސްޕީޑް ލޯންޗެއް ގަތުމަށް ނިންމައިފި އެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ކައުންސިލުން ހުޅުމީދު އަށް ކުރަން ޖެހޭ ދަތުރުތަކާއި، އާސަންދުގެ ދަށުން ހުޅުމީދޫން ހިތަދު އަށް ބޭސް ފަރުވާ އަށް އަންނަ މީހުންނަށް ދަތުރު ކުރެވޭ ގޮތަށް ލޯންޗެއް ގަތުމަށް ނިންމާފައިވާ ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސެއިން ފަހުމީ ވިދާޅުވީ ލޯންޗް ގަތުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ) ގެ ލޯނެއްގެ އެހީގައި ކަމަށެވެ. އަދި އެ ގޮތަށް ލޯންޗް ގަތުމަށް ލޯން ނެގުމަށް ކައުންސިލުން ގަރާރެއް ފާސްކޮށް ލޯންޗް ގަތުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް ދެ ދުވަހެއްގެ ތެރޭގައި އެ ބޭންކަށް ހުށަހެޅޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކައުންސިލުން ގަންނަނީ "ގަލްފު ކްރާފްޓް ޓޯރިން 31" މަރުކާގެ 18 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

އައްޑޫ ސިޓީ ކައުންސިލް ހުޅުމީދޫ ރައްޔިތުންނާ ބައްދަލު ކުރުމަށް އެ ރަށަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގޮސްފައި ވަނީ އެންމެ ތިން ހަތަރު ފަހަރު އެވެ.
ހުޅުމީދޫ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހުޅުމީދު އަށް ދަތުރު ކުރުމަށް ފާއިތުވި ތިން މަސް ދުވަހު 12،000ރ. އަށް ވުރެ ގިނަ ރުފިޔާ ކައުންސިލުން ވަނީ ހަރަދުކޮށްފަ އެވެ.