މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން އަންނަ މަރަދޫ "ކޮންކޯޑް" ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ދޯނީގެ ޚަބަރެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ރާޑަރު ޖައްސައިގެން އައްޑޫ އާއި ދިމާލުން 23 ބޭރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ އުޅަނދަކުން މިހާރު ދަނީ ބަލަމުން ކަމަށެވެ.
މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި "ކޮންކޯޑް" ދޯނި ހޯދުމުގެ މަސައްކަތުގައި އަދި އެމްއެންޑީއެފް ސަދަން އޭރިޔާގެ ހެލިކަޕްޓަރު ބޭނުން ކުރަމުން ނުދާ ކަމަށެވެ.
ދިގުމިނުގައި 108 ފޫޓު ހުންނަ އެ ދޯންޏަކީ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އެ ދޯނީގެ ހަބަރެއް ނުވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުއެވެ.