Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

"އައްޑޫ މެރަތަން" އަށް ރަޖިސްޓްރީވާން ހުޅުވާލައިފި

"އައިރަނާސް" އިން އިންތިޒާމް ކުރާ އައްޑޫ މެރަތަން އަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އައްޑޫ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު އާލީ ބާޑްސް ރަޖިސްޓްރޭޝަން އަންނަ އެޕްރީލް 1 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި ލޭޓް ރަޖިސްޓްރޭޝަން ވަނީ އެޕްރީލް 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.

މެރެތަންގައި 4 ކެޓަގަރީއަކުން ދުވުންތެރިންނަށް ވާދަ ކުރެވޭނެ އެވެ. އެއީ 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، 21 ކިލޯމީޓަރު އަދި 42 ކިލޯމީޓަރުގެ ދުވުމުވެ.

މިއިން ކޮންމެ ކެޓަގަރީއަކުން ވެސް އަންހެން އަދި ފިރިހެން ދުވުންތެރިން ވަކިން އެއް ވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައި ވެ އެވެ.

އެއް ވަނައަށް ދާ ފަރާތްތަކަށް 7،500ރ.، ދެވަނައަށް 3،750ރ. އަދި ތިން ވަނަ އަށް 2،500ރ. ގެ ފައިސާގެ އިނާމް ލިބޭނެ އެވެ.

އައި ރަނާސް އިން ބުނި ގޮތުގައި އައްޑޫ މެރަތަން ޖޫންގައި ބާއްވާ އިރު، އެޕްރީލް މަހު ރަޖިސްޓްރޭޝަން ބަންދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިވެންޓަށް ތައްޔާރުވުމަށް ދުވުންތެރިންނަށް އެކަށީގެންވާ މުއްދަތެއް ދިނުމާ އެކު، އިވެންޓް ފުރިހަމަ ގޮތެއްގައި ރޭވުމަށް އެކަށީގެންވާ ވަގުތު ހޯދުމެވެ.

އައްޑޫ މެރެތަން ބޭއްވުމުގެ ކުރިން އެކަމަށް ދުވުންތެރިން ތައްޔާރުވުމަށް އެހީއެއްގެ ގޮތުން އިތުރު ބައެއް ކުދި އިވެންޓްތައް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި ބާއްވާނެ އެވެ.

އެގޮތުން އައްޑޫ 5ކޭ، ހުޅުމީދޫ ރަން، އެކްސްޕްލޯ ކޯއްޓޭ ރަން އަދި ކުޑަކުދިންގެ ހަވީރު ފަދަ އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ސެޝަންތަކެއް ވެސް ބާއްވާނެ އެވެ.

އައި ރަނާސްގެ ރައިސް ހުސައިން ޝުޖާއު ބުނި ގޮތުގައި މި އަހަރުގެ މެރަތަން ކުރިއަށް ގެންދާނީ ދިވެހިވަންތަ އަދި ދިވެހިންގެ ސަގާފަތާ ގުޅޭ ކަހަލަ ގޮތަކަށެވެ. އެގޮތުން އާންމުކޮށް ދުވުންތައް އިންތިޒާމު ކުރާއިރު ދުވުންތެރިންނަށް ރެޑްބުލް ފަދަ އެނާޖީ ޑްރިންކްސް ދިން ކަމަށް ވިޔަސް، މި ފަހަރު އެ އާދަ ބަދަލުކޮށް އެނަޖީ ޑްރިންކްސްގެ ބަދަލުގައި ކުރުނބާ ދިނުމަށް ރާވާފައިވާ ކަމަށެވެ.

އަދި ދުވުންތެރިންގެ ބިބުން ވެސް ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ފަދަ ގޮތަކަށް ޑިޒައިން ކުރަމުންދާ ކަމަށް ޝުޖާއު ފާހަގަ ކުރި އެވެ.