Last Updated: April 18, 18:05
Thursday, April 18, 2024
ޚަބަރު

ނޫސްތަކުގެ އެޑިޓަރުން ބަދަލު ކުރުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިންތަކެއް - ފޮޓޯ: އަވަސް

ހޯމް މިނިސްޓްރީން އަލަށް ކަނޑައެޅި ޝަރުތުތަކަށް ފެތޭ އެޑިޓަރުން ނޫސްތަކަށް ހަމަޖެއްސުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ހޯމް މިނިސްޓްރީން އިޞްލާޙް ކޮށްފައި ވަނީ "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" އެވެ.

އެ ޤަވާއިދު ބަދަލުކޮށް ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ތާރީޚުގައި ގެޒެޓްކުރީ ފެބުރުއަރީ 15 އިގަ އެވެ.

އެޤަވާއިދަށް ގެނައި އިސްލާޙްގެ ދަށުން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ މަޤާމަށް އައްޔަން ކުރެވޭ ފަރާތަކީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެ އެވެ.

ނޫސް މަޖައްލާ އެޑިޓަރުންގެ ތެރެއިން އާ ގަވާއިދަށް އެޑިޓަރުން ހަމަޖައްސަން އިތުރު ފަސް ދުވަސް ދިނީ އެއްމަސް ދުވަސް ދިނުމަށްފަހު އެވެ. ނަމަވެސް އާ ޝަރުތު ހަމަވާ އެޑިޓަރުން ނެތުމުގެ ސަބަބުން ނޫސްތަކަށް ވަނީ އާ ޤަވާއިދުގެ ސަބަބުން ދަތިތައް ކުރިމަތިވެފަ އެވެ.

ޤަވާއިދު އިސްލާހު ކުރުމުން، އެޑިޓަރުންނާ ގުޅޭ މާއްދާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އިސްލާޙް ކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބައެއް ނޫސްތަކުން ވަނީ އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއާ ވާހަކަ ދައްކާފައެވެ.

ނަމަވެސް އެ މިނިސްޓްރީން އެކަމަށް އެއްވެސް ބަދަލެއް ނުގެނެސް، އަނެއްކާވެސް ދިނީ އާ ޝަރުތަށް ފެތޭ އެޑިޓަރުން އައްޔަން ކުރުމަށް ހަތް ދުވަހެވެ.