Last Updated: April 20, 08:57
Saturday, April 20, 2024
ޚަބަރު

އިބޫ އާއި އާޒިމްގެ ބަންދަށް ނުވަ ދުވަސް ޖަހައިފި

ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި މެދު ހެންވެރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދަށް ނުވަ ދުވަސް ޖަހައިފި އެވެ.

އިބޫ އާއި އާޒިމްގެ ބަންދާއިމެދު ގޮތެއް ނިންނުމަށް މިއަދު މެންދުރުފަހު 15:00 އަށް ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އިބޫގެ ބަންދުގެ މުއްދަތު އިތުރު ކުރީ މުޖުތަމައުއަށް ނުރައްކާކޮށް ހެކި ނައްތާލަފާނެތީ އެވެ.

މީގެ އިތުރުން އިބޫގެ ގާނުނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު ވިދާޅުވީ އިބޫ މިހާރު ބަންދުކޮށްފައިވާ ގޮޅީގެ ޙާލަތާ ބެހޭ ގޮތުން ދެންނެވުމުން ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްގޮތަށް އެފަދައިން ކަންކަން ފުރިހަމަވެފައިވާ ގޮޅިއަކަށް އިބޫ ބަދަލު ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރާއްޖޭގައި މިހާރު ޣައިރު ޤާނޫނީ ގޮތުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އިބޫ އާއި އާޒިމް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.

ހުކުރު ދުވަހު ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 141 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.