Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

އިންތި ވެސް ފުލުހަށް ހާޒިރު ކުރަނީ

މެމްބަރު އިމްތިޔާޒް ފަހުމީ - ފޮޓޯ: މިނިވަން ނޫސް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ފުލުހަށް ހާޒިރުވާން އަންގައި ޗިޓް ހަވާލުކޮށްފިއެވެ.

އިންތި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 13:30 އަށެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ މައްސަލަ އާއި ގުޅިގެންނެވެ.

އިންތިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުވެސް މިރޭ 21:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

އަމީތު ވެސް ފުލުހަށް ހާޒިރު ކުރަނީ މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ މައްސަލައިގަ އެވެ.

މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި ވާހަކަ ދެއްކެވި ކަމަށްބުނެ އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުވެސް ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވި މުޒާހަރާއިން 141 މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް ފަސް މީހަކު ފިޔަވާ އެންމެން މިހާރުވަނީ ދޫކޮށްލާފައެވެ.