Last Updated: April 24, 08:54
Wednesday, April 24, 2024
ޚަބަރު

ފޭދޫގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު އަލުން ހޯދަނީ

އައްޑޫ ސިޓ، ފޭދޫ. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ކޮންޓްރެކްޓަ ފައިނޭންސް އުސޫލްގެ ދަށުން ފޭދޫގައި 100 ހައުސިން ޔުނިޓް އަޅަން ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށް ފިއެވެ.

މިއީ ފޭދޫގައި ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް 6 މަސް ދުވަހުގެ ތެރޭގައި އިއުލާންކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އިއުލާންކުރި އެވެ.

މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން ފޭދޫގައި ހައުސިން ޔުނިޓް އެޅުމަށް ރާއްޖޭގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވެ އެވެ. ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 4 ލައްކަ ރުފިޔާ ދައްކަން ޖެހެއެވެ.

ފޭދޫގައި ހައުސިން ޔުނިޓް އަޅާނެ ވާހަކަ ސަރުކާރުން ދައްކަނީ 2016 ވަނަ އަހަރު އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމި ހިސާބުން ފެށިގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ފޭދޫގައި 100 ހައުސިން ޔުނިޓް 2 ވަަނަ ފަހަރަށް އިއުލާންކުރި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ވަނީ 25 ހައުސިން ޔުނިޓް އަޅާފަ އެވެ. އަދި އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.