Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އިތުރު ކައުންސިލަރުންތަކެއް ސަސްޕެންޑްކޮށްފި

ށ. މިލަންދޫ އާއި ބ. ހިތާދޫ ކައުންސިލްގެ ކައުންސިލަރުން 1 މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ށ. މިލަންދޫ ކައުންސިލަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު އާއި ނައިބު ރައީސް އަހުމަދު ޝިޔާމް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް 1 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބ. ހިތާދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުންވެސް ވަނީ 1 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. ހިތާދޫ ކައުންސިލަށްވެސް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ކައުންސިލަށް ލިބިގެން ނުވާ ބާރު ބޭނުންކޮށްގެން ނޫސް ބަޔާން ނެރެފައިވާތީ އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 1 މަސް ދުވަހަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ގައްދޫ ކައުންސިލްގެ ތިން މެމްބަރުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެލްޖީއޭއިން ވަނީ މިއަދު ގައްދޫ، މިލަންދޫ އަދި ހިތާދޫ ކައުންސިލް އުވާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.