Last Updated: March 28, 19:01
Thursday, March 28, 2024
މުނިފޫހިފިލުވުން

އިރްފާން ފަރުވާ އަށް ލަންޑަނަށް

ނާދިރު ބައްޔެއް ކަމަށްވާ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) މިހާރު ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ އެކްޓަރު އިރްފާން ހާން، އިތުރު ފަރުވާ އަށް އާތީއްތަ ދުވަހު ލަންޑަށް ހިނގައްޖެ އެވެ.

އުމުރުން މިހާރު 51 އަހަރުގެ އެކްޓަރު އަދި ދެ ކުދިންގެ ބައްޕަ އަށް ބޮޑު ބައްޔެއް ޖެހިގެން ފަރުވާ ހޯދަމުން އަންނަކަން އިއުލާން ކުރީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އެކަމަކު ފަރުވާ ހޯދަނީ ކޮން ބައްޔަކަށްކަން އިރްފާން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިރްފާން ފަރުވާ އަށް ލަންޑަނަށް ފުރި އިރު، އޭނާގެ ހާލަތު އެހާ ގޯހެއް ނޫނެވެ. އަދި ބަލި ރަނގަޅު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ ލަންޑަންގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދާނެ އެވެ. އޭނާ އަށް ފަރުވާ ދޭނީ އިންޑިއާގެ ޑޮކްޓަރެކެވެ.

އިރްފާން ބަލިވުމާ ގުޅިގެން އޭނާ ފަށަން ތައްޔާރުވަމުން ދިޔަ ވިޝާލް ބަރަދްވާޖްގެ ފިލްމް ވެސް ވަނީ ފަސްކޮށްފަ އެވެ. އެކަމާ ބެހޭ ގޮތުން ވިޝާލް ބުނީ ފިލްމްގެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި އިރްފާން ރަނގަޅުވެގެން އައުމުން ފިލްމްގެ މަސަައްކަތް ފަށާނެ ކަމަށެވެ. އެ ފިލްމަކީ ދީޕިކާ ޕަދްކޯންއާ އެކު އިރްފާން ކުޅޭ ފިލްމެކެވެ.

އިރްފާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 6 ގައި ރިލީޒް ކުރާ "ބްލެކްމެއިލް" އިންނެވެ.