Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ފާރިސްއާ ވަކީލުންނަށް ބައްދަލު ނުކުރެވޭނެކަން އަންގައިފި

ފުލުހުންގެ ހައްޔަރުގައި ދޫނިދޫގައި ބަންދު ކޮށްފައި ހުރި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުނުކުރެވޭނެ ކަން އަންގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސް އާއި އެކު ވަކީލުންގެ ބައްދަލުވުން ހަމަނުޖެހޭނެ ކަން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ފައިސަލް ވިދާޅުވި ގޮތުގައި ވަކީލް ބައްދަލުވުމުގެ ފޯމް ހުށަހެޅުމުން ފުލުހުން އެ ފޯމު ބަލައިގެންފައި ނުވާ ކަމަށެވެ. ފައިސަލް ވިދާޅުވި ގޮތުގައި ސަބަބެއް ކަމުގައި ފުލުހުން ބުނެފައި ވަނީ ފާރިސްގެ މައްސަލަ ތަހުގީގް ކުރާ އޮފިސަރުން ފާރިސްގެ ވަކީލު ފޯމް ބަލައިނުގަތުމަށް އަންގާފައި ވުމެވެ.

ފާރިސް އާއި ވަކީލުންނަށް ބައްދަލު ނުކުރެވޭނެ ކަން ފުލުހުން އަންގާފައި ވާއިރު، މިދިޔަ ހުކުރު ދުވަހު ވަކީލެއްގެ ޣައިރު ހާޒިރުގައި ތަހުގީގަށް ސުވާލު ކުރުމަށް ގޮޅިން ނެރުމުގެ ތެރޭގައި ކޮނޑުހުޅަށް ވަނީ އަނިޔާވެފައެވެ.

އެ ހާދިސާގެ ފަހުން ފާރިސް އަށް ފަރުވާދޭން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް ފާރިސް އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އާއިލާ އާއި އަދި ވަކީލުންނާއި ވެސް ހިއްސާކޮށްފައެއް ނުވެއެވެ.