Last Updated: May 8, 02:23
Wednesday, May 8, 2024
ކޮލަމް

މިވާހަކަ ނުދައްކައި ރަނގަޅެއް ނުވާނެ!

ސާކް ސަމިޓަށް ތައްޔާރު ކުރި މާވަށިތައް އަރިއަޅާލާފައި. މި ސަރަހައްދު މިހާރުވަނީ ބޯޖަންގައްޔަށް ބަދަލުވެފައި

އައްޑޫ ސިޓީ ކައުންސިލްގެ ވާހަކަ ދައްކައި އެމީހުންނަށް ބަސް ބުނެ ހެދުމުގެ ސަބަބުން އެކަން ކުރާ ބަޔަކު މިތިބެނީ ވަރަށް ގޯސްވެފައެވެ. ބަސް ބުނެ ފާޑު ކިޔާ މީހުން ތިބޭ ކަމަށް ވަނީ ކައުންސިލާއި ޖައްސާލާފައެވެ.

އެކަމަކު އެއީ އެއްބަޔަކު ހީކުރާ ގޮތެވެ. އަނެއް ބަޔަކުގެ ނަޒަރުގައި ކައުންސިލަށް ފާޑުކިޔަނީ އެމީހުންގެ ހެވަށާއި އައްޑޫއަށް ކުރިއެރުން އެދޭތީއެވެ. އަޅުގަނޑުގެ ނަޒަރުގައި ކައުންސިލަށް ބަސް ބުނުމަކީ ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭ ކަމެކެވެ.

ކައުންސިލް އުފެދި 3 އަހަރުގެ ދައުރެއް ނިމިގެންދާއިރު މިހާތަނަށް އެބޭފުޅުންނަށް ކުރެވުނު ކަމެއް، ލިބުނު މޮޅެއް ބުނެ ބަލާށެވެ. އެވާހަކަ އާއްމުންނާއި ހިއްސާކޮށްދީބަލާށެވެ. ވެރިކަމުގެ ކިއްލާގެ ތެރެއިން ރައްޔިތުންނާއި ހަމައަށް ގާތަށް ވެރިކަން މިވަނީ ގެނެސްފައެވެ. ކައުންސިލް ތައް އުފެދި ތަރައްޤީގެ ކަންކަމުގައި އާއްމުން ބައިވެރިކުރވޭނެ ނިޒާމެއް މިވަނީ އެކަށައަޅާފައެވެ.

ނަމަވެސް އަދިވެސް ރައްޔިތުންނަށް ކަންކަން ކުރެވޭ ތަނެއް ނުފެނެއެވެ. ތަރައްޤީގެ މަޝްރޫއުއެއްގައި ބައިވެރިވާކަށް ފުރުސަތެއް ނުލިބެއެވެ. އެމީހުންގެ ރަށުގެ ބަނދަރާއި، މަގު ބައްތި އާއި، ބޯޅަ ދަނޑާއި، މިހެން ގޮސް މިއިން އެއްވެސް ކަމެއްގެ ތެރެއަށް ބަސްބުނާނެ ޖާގައެއް ރައްޔިތުންނަކަށް ނުލިބެއެވެ.

ކައުންސިލްތައް އުފެދި ކައުންސިލްތަކާއި މަސްއޫލިއްޔަތު ހަވާލުކުރިފަހުން ތިން އަހަރުވާން އުޅެނިކޮށް މިހާރު އިވެނީ ބަހަނާއެވެ. ޒިންމާތަކުން ރެކެން މަސައްކަތް ކުރައްވާތަނެވެ.

އައްޑޫ ސިޓީ ކައުންސިލަށް ތިން އަހަރު ވީއުރު އާއްމު ބައްދަލުވުމެއް ބާއްވަފައި ނުވެއެވެ. ކައުންސިލުން ނިންމި އެއްވެސް ގަރާރެއް، ނިންމުމެއް އާއްމުންނަކަށް ނުފެނެއެވެ. ކައުންސިލް ބައްދަލުވުން ތަކުގެ ޔައުމިއްޔާއެއް ނުފެނެއެވެ. ކައުންސިލްގެ ހަރަދު ރިޕޯޓް އާއްމުކުރަންޖެހެއެވެ. އެއިގެ ރިޕޯޓެއް މިހާތަނަށް ނުފެނެއެވެ.

މިހިރީ ހައްތާވެސް ކައުންސިލަށް ނުކުރެވި ހުރި ގާނޫން ލާޒިމް ކުރާ ކަންކަމެވެ. އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީއެއް އޮތް ކައުންސިލްއަށް އެމްޑީޕީގެ ވެރިކަމުގެ ދެ އަހަރު ފައްކާކޮށް ލިބުނެއެވެ. އައްޑޫގެ ތާރީހުގައި އައްޑޫގައި ހިންގި އެންމެ ބޮޑު މަޝްރޫއު ބޭއްވިގެން ދިޔައީ ކައުންސިލްގެ ދައުރުގައެވެ.

ހިތަދޫ ބޮޑުމަގާއި، ކޮންވެންޝަން ސެންޓަރާއި، ހުޅުމީދޫ ބޮޑު މަގުގައި ގާއެތުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ކައުންސިލް އުފެދި ހިގަހިގައި އޮތްވައެވެ. އެ މަޝްރޫއުތައް ކާމިޔާބް ކުރުމުގައި ކައުންސިލްގެ ދައުރު ކޮބާހެއްޔެވެ؟ އެ މަސައްކަތްތަކުގެ ތެރެއަށް ކައުންސިލަށް ވަދެވުނީ ކިހާވަރަކަށް ހެއްޔެވެ؟ މަގު ހަދަމުން ދިޔައިރު އެކަން ބެލުނު ހެއްޔެވެ؟ ކަަންކަން ކުރުމަށް އެއްބާރުލުން ދެވުނު ހެއްޔެވެ. އެމްޑީޕީ ސަރުކާރުގައި އެމްޑީޕީ ކައުންސިލަށް ހޯދުނީ ކޮން މޮޅެއް ހެއްޔެވެ.

ރައީސް ނަޝީދުގެ ސީދާ އިސްނެންގެވުމުގެ މަތިން ކުރެވުނު މަސައްކަތްތަކުގައި ކައުންސިލަށް ބައިވެރިވެވުނީ ކިހާވަރަކަށް ހެއްޔެވެ. ސްޓޭޓް ސްކުއާގެ މަސައްކަތް ކުރި އިރު ކައުންސިލް ކޮބާހެއްޔެވެ. ސާކް ސަމިޓަށް ތައްޔަރު ކުރި މާވަށިގަނޑުތަކާއި ހެދި ބިނާތައް ވީރާނާވެގެން ދާއިރު ކައުންސިލަށް ކުރެވުނު މަސައްކަތެއް ދައްކަބަލާށެވެ. ހިތަދޫގެ އެތަން މިތަނަށް އުކާލާފައި އެތިބީ ކިތައް މަވަށިގަނޑުތޯއެވެ. އެއިން މާވަށިގަނޑެއްގައި ރީތި ގަހެއް އިންދާލެވޭނެ ގޮތެއް ހަމަނުޖެއްސޭނެތޯއެވެ. ކޮންވެންޝަން ސެންޓަރު ހުރި ސަރަހައްދު ބޯޖަންގައްޔަކަށް ވައިރު އެތަން ކޮށައި މަގު ސާފު ނުކުރެވޭނެ ހެއްޔެވެ. އެ ސަރަހައްދުގައި ޖަހާފައި ހުރި މަގު ބައްތި ދުވާލު ދިއްލިފައި ރޭގަނޑު ނިވި އަނދިރިވެފައިވާ އިރު އެކަން ހައްލުކުރަން ކުރީ ކީއްތޯއެވެ؟

މިހިރީ ހައްތާވެސް ކައުންސިލުން ބައިވެރިވެ ކުރަންޖެހި ނުކުރެވި ހުރި ކަންތަކެވެ. އެވާހަކަ މީހުން ދައްކާނެއެވެ. އެވާހަކަ ނުދައްކައި ރަނގަޅެއް ނުވާނެއެވެ. މީހުން ފާޑު ކިޔައި ބަސް ބުނެ ހެދުމުން އެއީ ޖައްސާލައިތިބި ބަޔެއް ކަމަށް ދެކިގެން ތަރައްޤީއެއް ނުގެނެވޭނެއެވެ.

ކައުންސިލްގެ ވާހަކަ ދެކެވޭ ކޮންމެ ދުވަހަކު ހިތައް އަރަނީ ކައުންސިލްގެ ހުވާކުރުމަށް ފަހު ފުރަތަމަ ބައްދަލުވުމުގައި ޖޯޝާއި ފޯރީގައި ތިބެ ކައުންސިލަރުން ދެއްކެވި ވާހަކައެވެ. އެތައް ބަޔަކަށް އުއްމީދު ގެނެސްދިން ޖޯޝުން ފުރިގެންވާ ޖަޒްބާތީ ކުރު ވާހަކަކޮޅުތަކެވެ. ހާއްސަކޮށް އައްޑޫގެ މޭޔަރ ދެއްކެވި ވާހަކަފުޅެވެ. "ކުރިން ރައްޔިތުން އަންނަނީ ވެރިންކާރިއަށް، އަޅުގަނޑުމެން ކައުންސިލުން ދާނީ ރައްޔިތުން ކާރިއަށް އެބޭފުޅުން ބޭނުންވާ ކަންތައް އަހައި އޮޅުންފިލުވައި ކަމުގެ ގާބިލް ހުނަރުވެރި މީހުން ހޯދައިގެން ކަންކުރަން".

ނަމަވެސް އޭ އެދުވަހެވެ. މިއަދު އެހަނދާނެއް ގިނަ ބޭފުޅުންނަކަށް ނެތެވެ. ދާއިރާގެ ފިކުރަކީ އެބޭފުޅުންގެ ފިކުރެވެ. އެކަމަކު ދާއިރާގެ ރައްޔިތުން އެ ދާއިރާ ތަރައްޤީ ކުރުމުގެ ވާހަކަ އާއި ލަފާ ކައުންސިލަރަށް ދިނުމުން ދިނީ ބީރު ކަންފަތެކެވެ. ކައުންސިލްގައި ތިބި ރައްޔިތުންގެ މުދަލަށް ސަވާރުވެ މަޖަލާއި ފޯރީގައި ވަގުތުތައް ހޭދަކޮށް، ރައްޔިތުންގެ މުދާ އިސްރާފް ކުރި އިރު ރައްޔިތުން ތިބީ ރަނގަޅަށް ބަލައިއެވެ. އެހެންވެ އެކަން ރަނގަޅުކުރުމަށް ބުނުމަކީ ރައްޔިތުންގެ ހައްގެކެވެ. އެވާހަކަ ނުދައްކައި ރަނގަޅެއް ނުވާނެއެވެ.

އައްޑޫގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަހަކީ މިއަދުގެ ސަރުކާރު ކަމަށް ކައުންސިލުން މިއަދު ބުނުމުން އެކަން ވަނީ ބޮޑުވަރެއްގެ ޖޯކަކަށެވެ. 2011 ވަނަ އަހަރުގެ ނޮވެމްބަރ މަހު އައްޑޫގައި ބޭއްވި ސާކް ސަމިޓްގެ ތައްޔާރީގެ ދުވަސްވަރު ކައުންސިލަރުން ނިސްބަތްވާ އެމްޑީޕީ ސަރުކާރުގެ އިސް މިނިސްޓަރ ފެންވަރުގެ ބޭފުޅުން ބުނަމުން އައީ ކައުންސިލުން ކަންކަމުގައި ބައިވެރިނުވާ ވާހަކަ އާއި ކައުންސިލަރުންގެ ފަރާތުން ލިބެނެްޖެހޭ އެއްބާރު ލުން ނުލިބިގެން ކަންކަން ނުކުރެވި ދިޔަ ވާހަކައެވެ. ފުރުސަތު ހުޅުވި "ވާރޭ ވެހިވެހި އޮތްވައި ފެންނުނުގުނު" ވާހަކައެެވެ. އެހެންވެ އެވާހަކަ ނުދައްކައި އެފަދަ ކަންކަން ރަނގަޅެއް ނުވާނެއެވެ.

ކައުންސިލާއި ގުޅޭގޮތުން އާއްމު ރައްޔިތުންގެ އެތައް ޝަކުވާއެއް އެބައޮތެވެ. އެކަމަކު އެޝަކުވާ ހުށަހެޅޭނެ ގޮތެއް ނެތެވެ. ހަމަ އެ އުސޫލުން ރައްޔިތުން ކައުންސިލަށް ދޭން ބޭނުން ވަރަށް ގިނަ ހިޔާލާއި މަޝްވަރާވެސް އެބައޮތެވެ. ނަމަވެސް އެބޭފުޅުންނަކަށް އެހިޔަލާއި މަޝްވަރާ ހުށަހެޅޭނެ ގޮތެއް ނެތެވެ. އެހެންވެ އެފުރުސަތު ހޯދުމަށް އެވާހަކަ ނުދައްކައި ރަނގަޅެއް ނުވާނެއެވެ.

ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ ކައުންސިލެއް އޮތަސް އެބަޔަކު ކުރާ ގޯސް ކަންތަކާއި ނުކުރެވި ދާ ކަންކަމުގެ ވާހަކަ ދައްކަންވާނެއެވެ. އަދި އެބަޔަކު އެވާހަކަ އަޑުއަހައި އެކަމަށް ރަނގަޅުކުރަން މަސައްކަތް ކޮށްފިނަމަ ތަރައްޤީ އާއި ކުރިއެރުންލިބޭނެއެވެ. ފާޑު ކިއުމަކީ ކުރިއެރުމެކެވެ. އެކަން ގަބޫލު ކުރަންޖެހެއެވެ.