އަންނަ ރިޔާސީ އިންތިހާބުގައި އިލެކްޓްރިކް ވޯޓިން ބޭނުން ނުކުރާނެ ކަމަށާއި އިންތިހާބް ކުރިއަށް ގެންދާނީ ކުރީގެ އުސޫލުންކަމަށް އިލެކްޝަން ކަމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އީސީން މިއަދު ނުރަސްމީކޮށް ނޫސްވެރިންނާއި އެކު ބޭއްވި ކޮފީގައި ޝަރީފް ވިދާޅުވީ އީވޯޓިންއަށް އަދި ތައްޔާރުވެފައި ނުވާކަމަށެވެ. އެގޮތުން ގާނޫނަށް އިސްލާހު ގެންނަން ޖެހޭއިރު އެމަސައްކަތް ނުނިމޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން އަންނަ ދައުރަށް ހޮވަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ޝަރީފް ދާދި ފަހުން އިލެކްޝަން ކަމިޝަނަށް އައްޔަން ކުރައްވާފައިވާ އިރު މިއަހަރުގެ އިންތިހާބް އީވޯޓިން އަކަށް ނުދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ސިސްޓަމް ރާއްޖޭގައި ގާއިމް ކުރާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބްގައި އީވޯޓިން ބޭނުން ކުރާނެކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.