Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ގާޒީންގެ އިތުބާރު ގެއްލޭ ވާހަކަ ދައްކާ ނަމަ ފިޔަވަޅު

ކްރިމިނަލް ކޯޓުގެ ގާޒީންނާއި މެދު ނަފްރަތު އުފެދި އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދައްކާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިއަދު އެކޯޓުން ދީފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޮގު ވާހަކަތައް ފަތުރައިގެން ކޯޓާއި ކޯޓުގެ ގާޒީންނާ މެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

އެކޯޓުން ބަޔާން ނެރެފައިވަނީ އާދީއްތަ ދުވަހު ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރިއަތް ކުރިއަށް ގެންދިޔައީ ގާޒީ ހިތު ހުރިގޮތަށްކަމަށް އެމަނިކުފާންގެ ވަކީލުން މީޑިއާގައި ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.

ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ސައީދުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދެވޭނީ ޖިނާއީ ކޮން އިޖުރާއަތަކާ ގުޅިގެންކަން ދިފާއީ ވަކީލުން ސުވާލު ކުރެއްވުމުން އެމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ފަރާތެއް ބަޔާންކޮށްދީފައިވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ޖިނާއީ އިޖުރާއުގެ ގާނޫނު ސަސްޕެންޑް ކުރެވިފައިވާ ކަމަށާއި އެމުއްދަތުގެ ފަހުން ހުރިހާ އިޖުރާއެއް ލިބިދެވޭނެކަމަށް ކޯޓުގެ ބަޔާނުގައިވެއެވެ.

އަދި ގާޒީ ޝަރީއަތް ކުރިއަށް ގެންދަވަނީ ހިތުހުރި ގޮތަށްކަމަށް ވިދާޅުވި ވާހަކަތަކަކީ ދޮގެއްކަމަށް ބަޔާނުގައިވެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ ކުރީގެ ބަންޑާރަ ނައިބް ސަސްޕެންޑްކޮށް ގާނޫނީ ވަކީލް ހިސާން ހުސެއިން މައާފަށް އެދެން އަންގާފައެވެ.