މަޤްބޫލު އުޒުރެއްް ނެތި، ގަސްދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކަށް މެމްބަރުން ވަޑައިނުގަތުމަކީ އޭގެ ސަބަބުން ޤާނޫނީ ޑެޑްލޮކަކަށް ހިނގައިދާނެ ފަދަ ކަމެއް ކަމަށާއި، އެގޮތަށް ޖަލްސާތަކަށް ވަޑައިނުގަންނަވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ އުސޫލެއް މުހިންމުވާ ކަމަށް މިއަދު ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން އެގޮތަށް ސުޕްރީމް ކޯޓުގައި ބުނީ ފަނޑިޔާރުންގެ ޤާނޫނަށް މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހު ބާތިލް ކުރަން މަޖިލީހުގެ އިދިކޮޅު ތިން މެމްބަރަކު ކަމަށްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގަ އެވެ.
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައީ ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުން ވަކިވާ ގޮތަށެވެ.
އެ އިސްލާހު ބާތިލްކުރަން އިދިކޮޅު މެމްބަރުން ހުށަހެޅުއްވި މައްސަލަ ބިނާކުރާ އެއް ސަބަބަކީ 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ނެތީސް އެ އިސްލާހަށް ވޯޓަށް އަހާފައި އޮތުމެވެ. އެ އިސްލާހު ފާސްކުރީ ސަރުކާރުގެ ކޯލިޝަންގެ 38 މެމްބަރުންގެ ވޯޓުންނެވެ.
މެމްބަރުން ގަސްދުގައި މަޖިލީހަށް ވަޑައިނުގަންނަވާ މައްސަލައާ ގުޅޭގޮތުން ދައުލަތުން ވާހަކަ ދެއްކީ އެ ނުކުތާއަށް ޖަވާބުދާރީ ވަމުންނެވެ. ދައުލަތުން ބުނިގޮތުގައި އެ އިސްލާހަށް ވޯޓަށް އަހަން 43 މެމްބަރުން ޖަލްސާގައި ތިބެން ޖެހޭނެ ކަމަކަށް ދައުލަތުން ޤަބޫލެއް ނުކުރެ އެވެ. އެއީ ޤާނޫނު އަސާސީގައި ބުނާ ފަދަ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އިސްލާހެއް ކަމަށް ނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އިސްލާހަށް ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިކަމުގައި ވިޔަސް، 41 މެމްބަރުން ހާޒިރުވި ޖަލްސާއެއްގައި އެ އިސްލާހަށް ވޯޓަށް އެހީ ރަނގަޅަށް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނަނީ ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ހާޒިރު ނުވެ ތިބުމެވެ.
އިސްލާހަށް ވޯޓަށް އެހިއިރު ޖަލްސާގައި ތިބީ 41 މެމްބަރުން ކަމަށް ވިޔަސް، ޖަލްސާގައި ބައިވެރިވެވަޑައިނުގެން، މަޖިލީހުގެ އިދާރާގައި ވެސް ބައެއް މެމްބަރުން ތިއްބެވި ކަމަށާއި މަޤްބޫލު އުޒުރެއް ނެތި އެ މެމްބަރުން ގަސްދުގައި ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ ކަމަށާއި، އެހެންކަމުން ހާލަތުއް ޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ) ގެ ދަށުން، އެ އިސްލާހަށް ވޯޓަށް އެހުމުގައި އަމަލުކުރި ގޮތް ރަނގަޅުވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މެމްބަރުން މަގްބޫލު އުޒުރެއް ނެތި ގަސްދުގައި މަޖިލީހަށް ހާޒިރު ނުވެއްޖެ ނަމަ އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި މިހާރު ނެތްކަން ދައުލަތުން ފާހަގަކުރި އެވެ. އަދި އެއީ އެކަމުގެ ސަބަބުން ގާނޫނީ ޑެޑްލޮކަކަށް ހިނގައިދާނެ ކަމެއް ކަމަށާއި، އެކަމަށް ޤާނޫނީ ގޮތުން ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ފާއިތުވި 2017 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން މި މަހާ ހަމައަށް ވެސް މަޖިލީހުން އެއްވެސް ބިލެއް ފާސް ކުރެވިފައި ނުވާ ކަމަށާއި މަޖިލީހުގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައި ކަން ފާހަގަކުރަމުން ދައުލަތުން ބުނީ މެމްބަރުން ބިލަކާ ދެކޮޅު ނަމަ އެ ބިލަކާ ދެކޮޅަށް ވޯޓު ނުދިނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު އެ ފުރުސަތުގެ ބޭނުން ނުކޮށް، ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ހާޒިރު ނުވަނީ ކަމަށެވެ.
މަޤްބޫލު އުޒުރެއް ނެތް ނަމަ މެމްބަރުން މަޖިލީހަށް ހާޒިރުވެ، ޖަލްސާގައި ބައިވެރިވާނެ ކަމަށް ޤާނޫނު އަސާސީ އޮތީ ތަސައްވުރު ކޮށްފައި ކަމަށާއި އެކަން ނުކޮށްފި ނަމަ އަމަލު ކުރާނެ އެއްވެސް ގޮތެއް މިހާރު މަޖިލީހުގެ ޤަވާއިދުގައި ނެތްކަން ދައުލަތުން ފާހަގަކުރި އެވެ. މީގެ އިތުރުން ބައެއް ގައުމުތަކުގައި މަގްބޫލު އުޒުރެއް ނެތި ޖަލްސާއަށް ހާޒިރުނުވާ މެމްބަރުން ސަސްޕެންޑް ކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮތަސް، ރާއްޖޭގައި މިހާރު މެމްބަރުންނާ މެދު ފިޔަވަޅު އެޅެނީ ހަމައެކަނި ކޮމެޓީތަކަށް ހާޒިރުނުވާ ހާލަތްތަކުގައި އެކަނި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އޭގެ ރައްދުގައި އިދިކޮޅު ތިން މެމްބަރުންގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ޖަލްސާއަށް ހާޒިރު ނުވުމަކީ މަޖިލީހުގެ ޤަވާއިދު މިހާރު އޮތްގޮތުން މެމްބަރުންނަށް ލިބިދީގައިވާ ޙައްޤެއް ކަމަށާއި ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހަށް ވޯޓަށް އެހިއިރު އެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައި ނުގަތީ އެ އިސްލާހާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ހާލަތުއްޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ) ގެ ވާހަކަ އެ މައްސަލާގެ ތެރެއަށް ގެންނަން ނުޖެހޭ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު އަށް ރައްދުދެއްވަމުން މަޤްބޫލު އުޒުރެއް ނެތް ނަމަ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާން ވާނެ ކަމަށް މަޖިލީހުގެ ޤަވާއިދުގައި އޮވޭ ނޫންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި ހުށަހެޅިފައިވާ ކަމަކާ މެމްބަރަކު ދެކޮޅު ނަމަ، އެކަމާ ދެކޮޅަށް ވޯޓު ދިނުމުގެ ޙައްޤު މެމްބަރުންނަށް އެބައޮތް ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރިފްއަތު ވިދާޅުވީ މަޤްބޫލު އުޒުރަކީ ކޮބައިކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާން ކޮށްފައި ނެތް ކަމަށާއި އެހެންވެ ބަލަން ޖެހޭނީ އާންމު އުސޫލަށް ކަމަށެވެ. އަދި މަޖިލީހުގެ މިހާރު ކަންކަން ހިނގަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށްވާތީ އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން ބައެއް މެމްބަރުން ޖަލްސާއަށް ހާޒިރު ނުވަނީ ކަމަށާއި، ހާލަތުއްޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ) ގެ ވާހަކަ އެ މައްސަލާގެ ތެރެއަށް ގެންނަން ނުޖެހޭ ކަމަށާއި އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާޙް ބާތިލް ކުރަން މެމްބަރުންގެ ފަރާތުން ދައްކާ އަނެއް ސަބަބަކީ ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކި ކުރެވޭނީ ހަމައެކަނި މަޖިލީހަށް ކަމަށް ބުނެފައި އޮތްއިރު ޖިނާއީ ކުށެއް ސާބިތުވާ ހާލަތުގައި އޮޓަމެޓިކުން ވަކިވާ ގޮތަށް އެ އިސްލާޙުގައި އޮތުމެވެ.
އިދިކޮޅު މެމްބަރުންގެ ވަކީލް ރިިފްއަތު ވިދާޅުވި ގޮތުގައި ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ޤާނޫނު އަސާސީގައި އޮތީ ކޯޓުތަކާ މެދު އިތުބާރު ކުރެވޭނެ ފަދަ ނިޒާމެއް ޤާއިމް ކުރުމުގެ މަޤްސަދުގައި ކަމަށެވެ. އަދި ޤާނޫނު އަސާސީގައި އޮތީ ފަނޑިޔާރުން އޮޓަމެޓިކުން ވަކި ކުރެވޭ ގޮތަކަށް ނޫން ކަމަށާއި ފަނޑިޔާރުން "ވަކި ކުރެވޭނީ" ހަމައެކަނި މަޖިލީހަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ.
މީގެ އިތުރުން އެ އިސްލާޙުގައި އޮތީ ޖިނާއީ ކިތަންމެ ކުޑަ ކުށެއް ސާބިތުވިޔަސް، ފަނޑިޔާރުން އޮޓަމެޓިކުން ވަކިވާ ގޮތަށް ކަމަށާއި އެކަމަކު ޤާނޫނު އަސާސީގައި ފަނޑިޔާރުންގެ ޝަރުތު ބަޔާން ކުރާއިރު ވެސް އޮންނަނީ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެފައި ނެތުން ކަމަށެވެ. މިހާރު އިސްލާޙު އޮތްގޮތުން ކިތަންމެ ކުޑަ ކަމެއްގައި ވެސް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ ފަނޑިޔާރަކު ވަކިވާނެ ކަން ރިފްއަތު ފާހަގަކުރެއްވި އެވެ.
ރައްދުގައި ދައުލަތުން ބުނީ ޤާނޫނު އަސާސީގައި އޮތީ ފަނޑިޔާރު ކަމަށް އައްޔަން ކުރާއިރު ހުންނަން ޖެހޭ ޝަރުތުތައް ކަމަށެވެ. އަދި ޤާނޫނަށް ގެނައި އިސްލާޙަކީ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ކުރާ ކުށްތަކާ ގުޅޭ ކަންކަން ކަމަށާއި، ކުޑަ ކުށެއް ސާބިތުވުމަކީ ފަނޑިޔާރުކަމުން ވަކި ނުވާނެ ޙާލަތެއް ކަމަށް ބަލާ ނަމަ އެކަން ވެގެންދާނީ ފަނޑިޔާރުންނާ މެދު އިތުބާރު ގެއްލޭނެ ކަމަކަށްކަން ދައުލަތުން ބުންޏެވެ.
އިދިކޮޅު މެމްބަރުން ނެންގެވި އެ ނުކުތާއާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ބައެއް ސުވާލުތައް ކުރިމަތި ކުރެއްވި އެވެ. އެގޮތުން، ޤާނޫނު އަސާސީ މިހާރު އޮންނަ ގޮތަށް މަޖިލީހަށް ހުށަހެޅުމުން ޖިނާއީ ކުށެއް ވެފައިވާ ފަނޑިޔާރަކު މަޤާމުން ވަކި ކުރަން ނުފެންނަ ކަމަށް މަޖިލީހުން ނިންމައިފި ނަމަ އެ ފަނޑިޔާރަކު މަޤާމުގައި ދެމި ހުންނާނީތޯ ބެންޗުން ސުވާލު އުފެއްދެވި އެވެ. އަދި ކުށެއް ސާބިތުވެފައިވާ ހާލަތުގައި ވެސް ފަނޑިޔާރަކު މަޤާމުން ވަކި ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ މަޖިލީހުންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ރިފްއަތު ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މިހާރު ވެސް ޤާނޫނު އަސާސީގައި އޮންނަ އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ވަކި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ޤާނޫނު އަސާސީ މިހާރު އޮންނަ ގޮތް ރަނގަޅު ނޫން ކަމަށް ދެކޭ ނަމަ ޢަމަލު ކުރެވޭނެ ހަމައެކަނި ގޮތަކީ ޤާނޫނު އަސާސީ އިސްލާހު ކުރުން ކަމަށާއި އެކަން ކުރެވޭނެ ގޮތް ޤާނޫނު އަސާސީގައި އެބައޮތް ކަމަށެވެ.
އެ މައްސަލާގައި ދެ ފަރާތުން ދައްކަން ހުރި ހުރިހާ ވާހަކައެއް މިއަދު ވަނީ ދައްކަވާ ނިންމަވާފަ އެވެ. މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެކަމަށް ބާއްވާ އަޑުއެހުން ތާވަލުކުރާ ދުވަހެއް ފަހުން އަންގާނެ ކަމަށް ވެސް ޝަރީއަތުން ވިދާޅުވި އެވެ.