ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، "ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ގެ ނަމުގައި މިއަދު ސަރުކާރު ކުންފުންޏެއް އުފައްދަވައިފިއެވެ.
މިއަދު އުފެއްދެވި މިކުންފުންޏަކީ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީ.އައި.އެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) އެއްކޮށް، ދެ ކުންފުނިން ކުރަމުންގެންދިޔަ މަސައްކަތް އެއްކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.
އެ ދެ ކުންފުންޏަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ދެ ކުންފުންޏެވެ. އެގޮތުން ގުޅިފަޅު އިންވެސްޓްމަންޓް އުފެއްދެވީ 2007 ވަނަ އަހަރު ކަމުގައިވާއިރު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވީ 2008 ވަނަ އަހަރުއެވެ.
"ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" އުފައްދަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވަނީ ދެ ކުންފުނިން ކުރަމުންގެންދިޔަ މަސައްކަތް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިޔުމަށާއި، މާލެ އަތޮޅު ގުޅިފަޅު އާއި މާލެ އަތޮޅު ތިލަފުށީގެ ބިމުގެ ގޮތުގައި ކަނޑައެޅިފައިވާ ބިމުގައި ފަޅު ހިއްކައިގެން، އުފެއްދޭ ބިން ސިނާއީ ނުވަތަ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށާއި، އަދި އިގްތިސާދީ ގޮތުން ފައިދާ އެންމެ އިތުރުވާނޭ ގޮތަށް އެ ސަރަހައްދުގައި ހިންގާ ސިނާއީ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން އެކުގައި ވިލަރެސްކޮށް ބެލެހެއްޓުމަށް ވަޒީރުންގެ މަޖިލީހުގެ، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ލަފަޔާއެކު ނިންމަވާފައިވާ ކަމަށެވެ.
އެ ދެ ކުންފުނި އެއްކޮށްލުމުގެ ގާނޫނީ ނަތީޖާއަކަށް ވެގެންދާނީ، އެ ދެ ކުންފުނިން ކުރަމުން ގެންދިޔަ މަސައްކަތާއި، ދެ ކުންފުނީގެ ގާނޫނީ ހައްގުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކާއި، ޒިންމާތަކާއި ދެ ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި އަދި ދަރަނި، އެ ގަރާރުން އުފައްދާ ކުންފުންޏަށް، ބަދަލުކުރެވިފައިވާ ކަމަށް ރައީސް ޔާމީންގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.
"ބުނެވިދިޔަ "ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް" އާއި "ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް" އެއްކޮށް، އުފައްދާ ކުންފުންޏަކީ، "ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" މިނަމުގައި ދަރަންނަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް ކަމުގައި އަހުރެން ގަސްތުކުރި ހިނދު:" އެ ޤަރާރުގައި ވެއެވެ.