ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
މިއީ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ.
ރައީސް މައުމޫންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
ނަމަވެސް އެމަނިކުފާނު ހެކި ނައްތާލަން އުޅުނު ކަމަށް ބުނެ މިހާރު ދައުވާ އުފުލާފައިވާއިރު، ހައްޔަރުކޮށްފައިވާ މައްސަލާގެ ތަހުގީގު ނިންމައި މިހާތަނަށް ދައުވާކުރަން ފޮނުވާފައެއް ނުވެއެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށްފަހު ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެގެންނެވެ.
ކުއްލި ޙާލަތު އަންނަ ބުރާސްފަތި ދުވަހު ނިމުމަކަށް އަންނައިރު، މިހާތަނަށް އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ކޯޓުން ދަނީ އިތުރު ކުރަމުންނެވެ.
އެގޮތުން މިހާރު ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދުވެސް ވަނީ އިތުރުކޮށްފަ އެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފައިވާ އިރު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ މައުމޫން ހަމީދު މިވަގުތު ރާއްޖޭގައި ނެތުމުން އަޑުއެހުން ފަސްކޮށް ދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.