ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަންދާއި މެދު ގޮތެއް ނިންމެވުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެއްވި އިރު އަނބިކަބަލުން ނަސްރީނާ އިބްރާހިމް ވަޑައިގެން ހުންނެވީ ލޯކަލް މާރުކޭޓު ކައިރީގައެވެ.
ދަރިކަނބަލުން ޔުމްނާ މައުމޫން އާއި އެކު ހުންނަވައިގެން ފުރަތަމަ ފަހަރަށް މީޑިއާ އާއި ބައްދަލުކޮށް ނަސްރީނާ ވަނީ އުއްމީދީ ވާހަކަކޮޅެއް ހިއްސާ ކުރައްވާފައެވެ. މާބޮޑު މާޔޫސްކަމެއް ނުދައްކަވައި އެކަމަނާ ވިދާޅުވީ "މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް. އެ މީހާ އެހެރީ ހައްގުގެ މަގުގައި ކަމަށް ވަންޏާ އުފަލުގައި ހުންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނަސްރާ ހަމައަށް ދާނެ. ވަރަށް އަވަހަށް ވެސް ކާމިޔާބު ވާނެ"
މައުމޫން އަބްދުލް ގައްޔޫމްގެ ޕޯސްޓަރެއް ހިއްޕަވައިގެން ހުންނަވައި ނަސްރީނާ އިތުރަށް ވިދާޅުވީ ކޮންމެ ބޭފުޅަކު ވެސް ހުންނެވީ "ސިރާތުލް މުސްތަގީމް"ގައި ތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.
ނަސްރީނާ ވަނީ މިފަދަ އިންޓަވިއުއެއް މީޑިއާއަށް ދެއްވުމަށްފަހު ކޯޓު ސަރަހައްދަށް އެއްވި މީހުންނާއި ސަލާމް ކުރައްވާފައެވެ.
ރައީސް މައުމޫންގެ ދިގު 30 އަހަރުގައިވެސް ނަސްރީނާ މިފަދައިން މީޑިއާގައި ވާހަކަފުޅު ދައްކަވާފައިނުވެއެވެ. އެކަމަނާ މިއަދު ދެއްކެވި ސާބިތުކަމަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރައްވަމުންނެވެ.