Last Updated: June 27, 21:32
Saturday, June 28, 2025
ޚަބަރު

މައުމޫން، ދެ ފަނޑިޔާރުން، އަރީފް އަދި ފާރިސަށް ޓެރަރިޒަމް ދައުވާ

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު

ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ސީޕީ އަހުމަދު އަރީފް އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް އާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި މެމްބަރ ސިނާން އާއި މެމްބަރު އިލްހާމްގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ކޯޓުތަކަށާއި، ދައުލަތުގެ ސަލާމަތީ ބާރުތަކަށާއި އެހެނިހެން މުވައްސަސާތަކަށް ނުފޫޒު ފޯރުވައި، ބައެއް ފަރާތްތަކަށް ރިޝްވަތުދީފައިވާކަން މައްސަލަ ދިރާސާ ކުރުމުން އެނގިފައިވާ ކަމަށެވެ.

ޕީޖީގެ ސޮއިއެއް ނެތި ނެރެފައިވާ ބަޔާނުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދު އާއި ޖުޑިޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދު މައްޗަށް ވަނީ ރިޝަވަތު ނެގި ކަމުގެ ދައުވާ އުފުލާފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން ފެބްރުއަރީ 1 ވަނަ ދުވަހުގެ ކޯޓު އަމުރަށް ފަހު ސްޕްރީމް ކޯޓަށް ފޮޮނުވާ ލިޔެކިޔުންތަކަށް އެކްސެސް ވިޔަ ނުދިނުމަށް ކޯޓުގެ އީ-ގަވަމެންޓް ސިސްޓަމް ކަނޑާލާފައި ބެހެއްޓުމަށް ކޯޓުގެ މުވައްޒަފުންނަށް އަންގާފައި ވާތީ އުއްތަމަ ފަނޑިޔާރަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

ފަސް ސޮފްހާގެ ދިގު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000 (ތިންލައްކަ ފަސްސާސް ހާސް ރުފިޔާ) އާއި 3300 (ތިންހާސް ތިން ސަތޭކަ ޑޮލަރު) ފެނިފައިވާ ކަމަށެވެ.

އަދި ހަސަން ސައީދު ދިރިއުޅެމުން ދިޔަ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ.

އެ ސިޓީގެ އިބާރާތަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮވެ އެވެ.

ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމަށް ބަލާއިރު، މި ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އަހުމަދު މިސްފިރު އަކާއި، އަބްދުﷲ ސައީދުއަކާއި، އާއިޝަތު ހަނާއަކަށް ކަމަށާއި މައްސަލާގެ ތަހުގީގުން އަހުމަދު މިސްފިރު އަކީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ދަރިއެއް ކަމާއި، އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރު ކަމާއި، ހައިޝަތު ހަނާ އަކީ ހަސަން ސައީދު ހުސައިންގެ ކުރީގެ އަނބި މީހާކަމަށް ބަޔާނުގައިވެއެވެ. އަދި ލިޔުމުގައި ސޮއިކޮށްފައިވަނީ ސިޔާދު ކަން ފޮރެންސިކް ތަހްގީގަށް އެނގިފައިވާކަމަށެވެ.

މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަމުރާއި ގުޅިގެން ފުލުހުންގެ ބައެއް އޮފިސަރުންގެ ޑިއުޓީ ބަދަލުކޮށް، އޮޕަރޭޝަނަށް ބަދަލުގެނެސް ގައުމުގެ ހަމަ ނުޖެހުން ނަގާލުމަށް މަސައްކަތް ކުރިކަން އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެން ކަމުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު 9 މީހަކު ދޫކޮށްލުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ދުރާލާ ރާވައިގެން ނެރެފައިވާ އަމުރެއްކަމަށް ބެލެވޭކަމަށެވެ.