Last Updated: June 27, 21:32
Saturday, June 28, 2025
ޚަބަރު

މައުމޫން ކޯޓްގައި ފަސް ގަޑިއިރު

ރައީސް މައުމޫން ކޯޓަށް ހާޒިރުކުރަނީ - ފޮޓޯ: ވަގުތު)

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެނައިތާ ފަސް ގަޑިއިރު ފާއިތުވެގެން ގޮސްފައިވާއިރުވެސް ޚަބަރެއް ނުވާތީ އެމަނިކުފާނުގެ ދަރިކަނބަލުން، ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު މެންދުރު ފަހު 3:30 ވީއިރު މައުމޫން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި އެއިރުއްސުރެން އަދިވެސް ކޯޓުން ނިކުމެވަޑައިގެންފައި ނުވާ ކަމަށެވެ.

އަދިވެސް ޝަރީއަތެއް ނުފެށޭ ކަމަށް ބުނެ ޔުމްނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މައުމޫން ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލް، މައުމޫން ހަމީދު މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި، މައުމޫން ހަމީދް ބުރާސްފަތި ދުވަހު އަންނަން ދެން އެމަނިކުފާނުގެ އެއްވެސް ޝަރީއަތެއް ކުރިއަށް ނުގެނެސް، ފަސްކުރުމަށް ދެ ފަހަރެއްގެ މަތިން އެދިވަޑައިގެންފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މައުމޫންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް މިއަދު އަޑުއެހުމެއް ތާވަލުކޮށްފައެވެ. އިއްޔެވެސް އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ފަހުން ވަނީ އެ އަޑުއެހުން ކެންސެލް ކޮށްފައެވެ.