Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ގާނޫނީ ގޮތުން ކައުންސިލް ހިންގޭކަށް ނެތް: ޝުކުރީ

ދިވެހި ރާއްޖޭގެ ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނާއި ގުޅިގެން އައްޑޫގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރގެ އިތުރުން އިތުރު ދެ ކައުންސިލަރަކު ސަސްޕެންޑް ކޮށްފައިވާތީ ގާނޫނީ ގޮތުން އައްޑޫ ސިޓީ ކައުންސިލް ހިންގެން ނެތްކަމަށް ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވެއްޖެއެވެ.

ޝުކުރީ މިހެން ވިދާޅުވީ ކައުންސިލްގެ މެޖޯރިޓީ މެމްބަރުން ސަސްޕެންޑް ކުރުމާއި ގުޅިގެން ގާނޫނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރުމަށް ބޭއްވި ނޫސް ކޮންފަރެންސްގައެވެ.

ޝުކުރީ ވިދާޅުވީ އެލްޖީއޭއިން އަންގާފައިވާ ގޮތަށް މިހާރު ސަސްޕެންޑް ނުކޮށް ތިއްބެވި ތިން ކައުންސިލަރުން މަޝްވަރާކޮށް ކައުންސިލް ހިންގާނެ މީހަކު އައްޔަން ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އެގޮތަށް އަމަލު ކޮށްފިނަމަ އެހެން ބަޔަކު އެތިން ބޭފުޅުންގެ މައްޗަށް ޝަރީއަތްކޮށްފާނެކަމަށެވެ.

ކައުންސިލަށް ހުށަހެޅޭ މައްސަލަ ތަކަކީ ކައުންސިލްގެ މެޖޯރިޓީން ނިންމޭ ކަންކަމަށްވެފައި މިހާރު ތިއްބެވި ތިން ކައުންސިލަރުންނަކަށް ކައުންސިލްގެ އެއްވެސް ނިންމުމެއް ނިންމެން ނެތްކަމަށް ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ ކުރިއަށް އޮތް މިނިވަން 50 ފުޓްބޯޅަ މުބާރާތާއި ގުޅިގެން ޒުވާނުންގެ ފަރާތުން ކައުންސިލަށް ފޮނުވި ކަންކަން ކައުންސިލުން ނިންމެން ނެތިގެން ބޭރުކޮށްލާފައިވާ ކަމަށެވެ. އެގޮތަށް އެކަން ދިމާވީ ތިން ކައުންސިލަރުންނަށް ކަންކަން ނުނިންމޭތީ ކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލަރު ހިޔާޒު އަދި ފައިސަލްވެސް ވަނީ ދެން ތިއްބެވި ހަތަރު ކައުންސިލަރުން ނެތި ކައުންސިލް ނުހިންގޭނެކަމަށް ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަދި ޑެޕިއުޓީ މޭޔާރގެ އިތުރުން އިތުރު ދެ ކައުންސިލަރުން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ އިރު ކައުންސިލްގެ ފައިސާގެ ހުރިހާ މުއާމަލާތެއް ވަނީ ހުއްޓިފައެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ކައުންސިލްގެ އެކައުންޓްތަކުގައި ސޮއި ކުރައްވާ ހުރިހާ ކައުންސިލަރުން މިވަގުތު ތިއްބެވީ ސަސްޕެންޑްގައެވެ. އެހެންވެ އިދާރީ ބޮޑެތި މައްސަލަތައް އައްޑޫ ކައުންސިލަށް ދަނީ ކުރިމަތިވަމުންނެވެ.