ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އާއި އެޗެނަލްގެ ޕްރޮޑިއުސަރު އާމިރު ސަލީމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ގޮވާލައިފި އެވެ.
އެޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސާމް އާއި އާމިރު ހައްޔަރުކޮށްފައިވަނީ ސަރުކާރާއި ދެކޮޅަށް ނެރުނު ވީޑިއޯއަކީ ރާއްޖެޓީވީގެ އަތެއް އޮވެެގެން ނެރުނު އެއްޗެއްކަމަށް ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ތުހުމަތު ކުރެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ.
އަދި ރާއްޖެ ޓީވީ އާއި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ސަރުކާރުން އެކިކަހަލަ ގޯނާ ކުރަމުން އަންނަ ކަމަށްވެސް އެޖަމާއަތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއް ރަހީމް ރާއްޖެ ޓީވީ ބަންދުކުރުމަށް ގޮވާލިފަހުން ރާއްޖެ ޓީވީ ބަންދުކުރި ކަމަށްވެސް އެ ބަޔާނުގައެވެ.
އާރްއެސްއެފްގެ އޭޝިއާ ޕެސިފިކްގެ ވެރިޔާ ޑެނިއެލް ބުނެފައިވަނީ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ވަގުތުން ވަގުތަށް ދޫކޮށްލުމަށެވެ.
ވިސާމް އާއި އާމިރު ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނ ދުވަހުގެ ރެއެވެ. ދެމީހުންގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.