Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބްރިޖަށް ދާ މަގުގައި 450 ގަސް އިންދަނީ

މާލެ-ހުޅުލެ ގުޅާލައި އަޅާ މޯލްޑިވްސް-ޗައިނާ ފްރެންޝިޕް ބުރިޖަށް ދާ މަގުގައި 450 ގަސް އިންދުމުގެ ޕްރޮޖެކްޓެއް ކުރިއަށް ދާނެ ކަމަށް ހައުސިން މިނިސްޓަރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 450 ގަސް މިމަގުގައި ޖަހާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ރަމްޒީ ކުރެހުމެއްވެސް މިނިސްޓަރުގެ ޓުވީޓުގައި ހިމަނާފައިވެއެވެ.

މީގެ ކުރިން މިނިސްޓަރު މުއިއްޒު ހާމަކޮށްފައިވާ ގޮތުގައި، މިމަގު ހަދައި ތާރު އެޅުމުގެ މަސައްކަތް މަސް ދުވަހުގެ ތެރޭގައި ފެށިގެން ދާނެއެވެ. އަދި މިހާރު އެ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ބުރިޖު ހުޅުވުމަށް ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިބުރިޖަކީ ރައީސް ޔާމީން ވައުދު ފުއްދަވާ ކަމުގެ ރަމްޒީ ހެއްކެކެވެ.

ރައީސް ޔާމީން ވަނީ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު ފަރާތްތަކަށްވެސް ދައުވަތު އަރުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅު ގިނަ ލީޑަރުން މިހާރުވެސް ތިބީ ޖަލަށް ލެވި ނުވަތަ އެހެން ގައުމުތަކަށް އަމިއްލައަށް އަރުވާލެވިގެންނެވެ.