Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ޓެރަރިޒަމް ދައުވާއަކީ ފަހުރަކަށްވެއްޖެ: އިބްރާހިމްދީ

ޓެރަރިޒަމް ދައުވާ ކުރެވުމަކީ މިހާރު ރާއްޖޭގައި ފަހުރެއްކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ މާލެ އޭރިއާ ކޮމާންޑަރު ކަން ކުރެއްވި އިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތަކީ މިހާރު ރާއްޖޭގައި ފަހުރެއް ކަމަށެވެ. އަދި އެ ތުހުމަތުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިބްރާހިމް ދީދީގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައެވެ.

އިބްރާހިމް ދީދީ މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ސީޕީގެ އިތުރުން ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް އާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އިއްޔެ ޕީޖީން އުފުލުމާއި ގުޅިގެންނެވެ.