ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ މުހައްމަދު ފައިސަލް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
ފައިސަލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 2:30 އަށެވެ. ނަމަވެސް ފައިސަލް ކޯޓަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ.
ފައިސަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ އިރު އިއްޔެ ހަވީރު 3:30 އިން ފެށިގެން ރޭ 11 ޖަހަންދެން ރައީސް މައުމޫން ކްރިމިނަލް ކޯޓުގައި އެއްވެސް ބޭފުޅަކާއި ވާހަކަ ނުދެއްކޭ ގޮތަށް ބެހެއްޓި މައްސަލަގައި ފައިސަލް ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ.
ރައީސް މައުމޫން 8 ގަޑިއިރަށް ވުރެ ގިނަ އިރު އެއްވެސް ކަހަލަ އެންގުމެއް ނެތި ބެހެއްޓި މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިއުން ވަނީ ކޯޓަށް އަމާޒުވެފައެވެ.
ކްރިމިނަލް ކޯޓުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ސަސްޕެންޑްކޮށްފައެވެ. އަދި އެޓީމްގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސެއިން ކޯޓާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް މައާފަށް އެދެން ވަނީ އަންގާފައެވެ.