Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޝީޓު ވެއްޓުނު އެމްއެންޔޫ އިމާރާތް އާކުރަނީ

އެމްއެންޔޫ އިމާރާތެއްގެ ޝީޓު ވެއްޓިފައި: ފޮޓޯ - އަވަސް

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގެ އިމާރާތެއްގެ ޝީޓެއް ރޭ ވެއްޓުމާ ގުޅިގެން، އެއިމާރާތް ތަޅާ އެތަނުގައި އާއިމާރާތެއް އެޅުމަށް އެމްއެންޔޫއިން ނިންމައިފިއެވެ.

ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެފައިވަނީ އާއިމާރާތުގެ މަސައްކަތް، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނުހާ އަވަހައަކުން ފަށާނެ ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވެފައިވަނީ އިމާރާތް އާކުރަނީ ޝީޓު ވެއްޓުމުން ނޫން ކަމަށާއި، ކުރިންވެސް އެ އިމާރާތް އާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޑރ. ފަވާޒް ވިދާޅުވެފައިވަނީ އެމްއެންޔޫން ނިންމާފައިވަނީ އާ އިމާރާތް 10 ބުރީގެ އިމާރާތެއް އެޅުމަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަންޑިންގ މިހާރު ހޯދުމަށް މަސައަކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ޝީޓު ވެއްޓުނު އިމާރާތަކީ 35 އަހަރު ވެފައިވާ އިމާރާތެއް ކަމަށާއި އިމާރާތް މިހާރު ވަރަށް ބާވެފައިވާ ކަމަށް އެމްއެންޔޫ އިން މައުލޫމާތު ދީފައި ވެއެވެ. ނަމަވެސް އިމާރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން އެސެސްމެންޓްތައް ހަދައި، މަރާމާތު ކުރަމުން ދިޔަ ކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.