ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓް ހަވާލު ކޮށްފިއެވެ.
އަމީތު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 22:00 އަށެވެ.
އިއްޔެވެސް އަމީތު ފުލުހަށް ހާޒިރުވާން އެންގި އިރު ފުލުހުން ވަނީ ފަހުން އެކަން ކެންސަލް ކޮށްފައެވެ.
އޭނާ ފުލުހަށް ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ މައްސަލަ އާއި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި އެ ދުވަހު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ދެއްދެކެވި ވާހަކަތަކުގެ މައްސަލައިގަ އެވެ.
އިއްޔެ އަމީތު ހާޒިރުވާން އެންގީ އެ މައްސަލާގައި އެންމެ ފުރަތަމަ ފުލުހަށް ހާޒިރު ކުރުމުން ދެއްވި ބަޔާާނުގައި އަމީތު ދެއްކެވި ވާހަކަތައް ފަހުމްނުވާތީއެވެ.
އަމީތު ވިދާޅުވީ އޭނާ ވާހަކަ ދެއްކެވީ ދިވެހި ބަހުން ކަމަށާއި އޭނާ ދެއްކެވި ވާހަތައް ފުލުހުންނަށް ފަހުމް ނުވީ ކީއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.