ނިމިގެންދިޔަ ފެބްރުއަރީ މަހު އިއުލާންކުރި ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު ކޯޓަށް ހާޒިރުކޮށްފައި ވަނީ އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމުމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ވެސް އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކުރިނަމަވެސް އެމަނިކުފާނު ކޯޓަށް ހާޒިރު ކުރިތާ ހަ ގަޑިއިރު ފަހުން އެ ޝަރީޢަތް ވަނީ ކެންސަލްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ ރޭގެ 19:00 އަށް ހަމަވާނެތީ، ކުއްލި ޙާލަތު ނިމުމުގެ ކުރިން އުއްތަމަ ފަނޑިޔާރުގެ ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭނެއެވެ.
އުއްތަމަ ފަނޑިޔާރުގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ކޯޓުތަކަށާއި، ދައުލަތުގެ ސަލާމަތީ ބާރުތަކަށާއި އެހެނިހެން މުވައްސަސާތަކަށް ނުފޫޒު ފޯރުވައި، ބައެއް ފަރާތްތަކަށް ރިޝްވަތުދީފައިވާކަން މައްސަލަ ދިރާސާ ކުރުމުން އެނގިފައިވާ ކަމަށެވެ.
ޕީޖީގެ ސޮއިއެއް ނެތި ނެރެފައިވާ ބަޔާނުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދު އާއި ޖުޑިޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދު މައްޗަށް ވަނީ ރިޝަވަތު ނެގި ކަމުގެ ދައުވާ އުފުލާފައެވެ.
މީގެ އިތުރުން ފެބްރުއަރީ 1 ވަނަ ދުވަހުގެ ކޯޓު އަމުރަށް ފަހު ސްޕްރީމް ކޯޓަށް ފޮޮނުވާ ލިޔެކިޔުންތަކަށް އެކްސެސް ވިޔަ ނުދިނުމަށް ކޯޓުގެ އީ-ގަވަމެންޓް ސިސްޓަމް ކަނޑާލާފައި ބެހެއްޓުމަށް ކޯޓުގެ މުވައްޒަފުންނަށް އަންގާފައި ވާތީ އުއްތަމަ ފަނޑިޔާރަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.