ރާއްޖޭގައި ކީރިތި ޤުރުއާނާބެހޭ ރިސާޗް ސެންޓަރެއް ޤާއިމް ކުރުމަށްޓަކައި ސޫދާނުގެ ޔުނިވާސިޓީ އޮފް ޤުރުއާން އެންޑް އިސްލާމިކް ސައިންސަސް އާ ކީރިތި ޤުރުއާނާބެހޭ މަރުކަޒާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާއެވެ. އަދި ސޫދާނުގެ ޔުނިވާސިޓީ އޮފް ޤުރުއާން އެންޑް އިސްލާމިކް ސައިންސަސް ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލަރ ޕްރޮފެސަރ އަޙްމަދު ސަޢީދު ސަލްމާންއެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ރިސަރޗް ސެންޓަރެއް ޤާއިމްކުރުމުގެ އިތުރުން ޤުރުއާނުގެ ޢިލްމް ފުޅާކުރުމަށް ދެފަރާތުގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރުމަށް އެއްބަސް ވެފައިވެއެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒު ގެ ރައީސް މިދިޔަ އަހަރު ސޫދާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭގައި ޤުރްއާނުގެ ޢިލްމު ފުޅާކުރަން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ސޫދާނުގެ ޔުނިވަރސިޓީ އޮފް ޤުރްއާން އެންޑް އިސްލާމިކް ސައިންސަސް ގެ އިސްވެރިންނާ އެކު މަޝްވަރާ ކުރައްވާފައިއެވެ.
ސޫދާނުގެ ޔުނިވަރސިޓީ އޮފް ޤުރްއާން އެންޑް އިސްލާމިކް ސައިންސަސްއަކީ ސޫދާންގެ އެކި ހިސާބުތަކުގައި ޔުނިވަރސިޓީގެ 13 ގޮފި ހިންގަމުންދާ ސަރުކާރު ޔުނިވަރސިޓީއެކެވެ. އަދި މި ޔުނިވާސިޓީގެ 11 ފެކަލްޓީއެއްގައި 41,000 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދެއެވެ. މި ޔުނިވާސިޓީން 3 ޤައުމެއްގަ އެފިލިއޭޓް މަރުކަޒުތައް ޤާއިމްކޮށްފައިވާއިރު ތަފާތު 90 ޤައުމަކާއެކު އެއްބަސްވުން ސޮއިކުރައްވާފައިވެއެވެ.